ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ކޮލިން ޑައިރެކްޓު ކުރާ ފިލްމު 'ދޯސްތާނާ 2'ގެ ދެ ލީޑުގެ ގޮތުގައި ކާރްތިކް އާރްޔަން އަދި ޖާންވީ ކަޕޫރު ހަމަޖައްސައިފި އެވެ.

ކަރަން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފިލްމުގެ ތިން ވަނަ ލީޑުގެ ގޮތުގައި ފެނިގެންދާނީ މުޅިން އާ ފަންނާނެއް ކަމަށާއި، ވަރަށް އަވަހަށް އޭނާގެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

މިއީ ދަރްމާ ޕްރޮޑަކްޝަންސްގެ ފިލްމަކުން ކާރްތިކް ފެނިގެންދާ ފުރަތަމަ ފަހަރެވެ. އަދި 'ދޯސްތާނާ 2' ވެގެންދާނީ ކޮލިން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމަށެވެ.

'ދޯސްތާނާ 2' އަށް ޖާންވީ އަދި ކާރްތިކް ހަމަޖެއްސި އިރު، ދެ ފަންނާނުން ވެސް އަންނަނީ މިހާރު ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

މީގެ 11 އަހަރު ކުރިން، 2008 ވަނަ އަހަރު ރިލީޒްކުރި 'ދޯސްތާނާ'ގެ ލީޑު ރޯލުތަކުން ފެނިގެން ދިޔައީ ޕްރިޔަންކާ ޗޯޕްރާ، އަބީޝެކް ބައްޗަން އަދި ޖޯން އަބްރަހަމް އެވެ. ފިލްމުގެ މުހިންމު ތަރިން ތެރޭގައި ބޮބީ ޑިއޯލް އަދި ކިރަން ކެއިރު ވެސް ފެނިގެން ދިޔަ އެވެ.