މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑް ކަޕުގެ މެޗުތަކުގައި ރެފްރީންގެ ނިންމުންތަކާ ދެކޮޅު ހަދައި، ފާޑުކިއުންތައް އިންތިހާއަށް ގޮސްފައިވާތީ ފީފާ ރެފްރީންގެ ޗީފް ޕާލުއިޖީ ކޮލީނާ އެކަމަށް ރައްދު ދީފި އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ރެފްރީ ކަމަށް ގިނަބަޔަކު އިއްތިފާގުވާ ކުރީގެ ރެފްރީ ކޮލީނާ ބުނީ ޓީމުތަކާއި ސަޕޯޓަރުންގެ ފަރާތުން މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑް ކަޕުގެ މެޗުތަކާ ގުޅުވައިގެން ވަރަށް ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި އެކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އަންހެން ވޯލްޑު ކަޕުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުރިއަށް އޮތް އިރު މި އަހަރުގެ މުބާރާތަކީ ފަހުގެ ތާރީހުގައި ވެސް އެންމެ ވާދަވެރި އެއް ވޯލްޑް ކަޕުގެ މުބާރާތެވެ. ހަމަނުޖެހުން ގިނަ މި މުބާރާތުގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައި ވަނީ މެޗުތަކަށް އިންސާފު ކުރަމުންދާ ރެފްރީންނެވެ. ނަމަވެސް ރެފްރީންގެ ބޮޑެތި ނިންމުންތައް އެހެން މުބާރާތްތަކެކޭ ވެސް އެއް ގޮތައް މި މުބާރާތުގައި ވެސް ނިންމާފައި ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީތެރިކަމާ އެކު އެވެ.

ފީފާއިން ވަނީ މި އަހަރުގެ ކުރީ ކޮޅު އައު ގަވާއިދެއް އެކުލަވާލައިފަ އެވެ. މި ގަވާއިދަކީ ޕެނަލްޓީ ޖަހާއިރު ގޯލް ކީޕަރުގެ ހަރަކާތްތައް ގެންގުޅެން ޖެހޭ ގޮތައް ގެނައި ބަދަލެކެވެ. އެގޮތުން ޕެނަލްޓީ ޖަހާ އިރު ކުޅުންތެރިޔާ ބޯޅައިގައި ޖެހުމުގެ ކުރިން ގޯލް ކީޕަރު ގޯލު ރޮނގު މަތިން ބޭރު ވެއްޖެ ނަމަ ރީންދޫ ކާޑު ދެއްކުމުގެ އިހުތިޔާރު ރެފްރީއަށް ލިބިގެންވެ އެވެ.

މި ގަވާއިދު މީގެ ކުރިން 20 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވެސް ވަނީ ބޭނުން ކޮށްފަ އެވެ. އަދި އަންހެން ވޯލްޑް ކަޕުގެ އިތުރުން ކޮޕާ އެމެރިކާ އަދި އެފްކޮންގެ މުބާރާތުގައި ވެސް ދަނީ މި ގަވާއިދު ތަންފީޒު ކުރެވެމުންނެވެ. ނަމަވެސް އަންހެނުންގެ ވޯލްޑް ކަޕުގައި މިކަމުގެ ސަބަބުން ވަނީ ބޮޑެތި ހިތްހަމަ ނުޖެހުންތަކެއް އުފެދިފަ އެވެ.

"މިހާތަނަށް އެންމެ ގިނަ ޝަކުވާ އައިސްފައި ވަނީ ޕެނަލްޓީގެ މައްސަލަ ތަކުގައި،" ކޮލީނާ ބުންޏެވެ. "ފުޓުބޯޅައިގެ ތެރޭގައި އޮފްސައިޑާއި އެހެނިހެން ކަންކަން ވެސް ބަލާނެ އާލަތްތައް އެބަ ގެންގުޅެން. ވީޑިއޯ ބެލުމަށް ފަހު ރެފްރީން ނިންމާ ނިންމުމަށް ގޮތް ކިޔަން ވެއްޖެ ނަމަ ރަނގަޅު އެތް ގޮތް ވެސް ނޯންނާނެ."

ކޮލީނާ ބުނީ އޮފްސައިޑު ވެއްުޖެ ނަމަ އެކަން ވެސް ބެލޭނެ ކަމަށެވެ. އެހެން ކަމަށް ވާނަމަ އެންމެ ސެންޓި މީޓަރަކުން ވެސް އޮފްސައިޑު ނަމަ ވާނީ އޮފްސައިޑު ކަމަށެވެ.

މީގެ އިތުރުން އަލަށް ހެދި ގަވާއިދުގެ ވާހަކަ ޓީމުތަކަށް މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން ވާނީ އަންގާފައި ކަމަށާއި މުބާރަތުގެ ކުރިން ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުތަކުގައި ވެސް ގެނގުޅުނީ އެ ގަވާއިދުތައް ކަން ކޮލީނާ ވަނީ ފާހަގަ ކޮށްފަ އެވެ.