ދިއްލީ (ޖޫން 27): އިންޑިއާގެ ޖަރުކަންދުގައި މިދިޔަ ހަފްތާ ތެރޭ މުސްލިމަކަށް ހަމަލާދީ މަރާލި މައްސަލައާ ގުޅިގެން އެގައުމުގައި ގިނަ އަދަދެއްގެ މީހުން އިއްޔެ މުޒާހަރާކޮށްފި އެވެ.

އުމުރުން 24 އަހަރުގެ ތަބްރީޒް އަންސާރީގެ މަރާ ގުޅިގެން އިއްޔެ މުޒާހަރާތައް ބޭއްވި ސަރަހައްދުތަކުގެ ތެރޭގައި ނިއު ދިއްލީ، ގުޖުރާތު އަދި ވެސްޓް ބެންގާލް ހިމެނެ އެވެ. އެމުޒާހަރާގެ ބައިވެރިން ވަނީ "ދީނުގެ ނަމުގައި މީހުން މެރުން ހުއްޓާލުމަށް" ގޮވާލާފަ އެވެ.

އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދެއްގެ މީހުން ވަނީ ބީޖޭޕީން ވެރިކަން ކުރާ ޖަރުކަންދު ސްޓޭޓުގައި ގުރޫޕުތަކުން މީހުން މަރާ މައްސަލަ ހައްލު ނުކުރާތީ އެސަރުކާރަށް ފާޑު ކިޔާފަ އެވެ. ފާއިތުވި ތިން އަހަރު ތެރޭ އެސްޓޭޓުގައި އެފަދަ ގޮތަކަށް އަނިޔާކޮށްގެން 13 މީހުން މަރާފައިވެ އެވެ.

އެމުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އަންސާރީގެ މަރާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފަ އެވެ. އަދި އެހާދިސާ ހިނގާ ދިޔަ ގޮތުން "ވަރަށް ބޮޑަށް ހިތާމަ ކުރައްވާ" ކަމަށާއި އެމައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް "ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް" ގޮވާލައްވާފަ އެވެ.

މިދިޔަ ހަފްތާގެ އަންގާރައިގައި ބަޔަކު އަންސާރީއަށް ހަމަލާ ދިނީ އޭނާ ސައިކަލެއް ވަގަށް ނެގި ކަމަށް ބުނެ އެވެ. އެހަމަލާ ދިން މީހުން ވަނީ އޭނާ ހޮޅިދަނޑިއެއްގައި ބަނުމަށް ފަހު، އަނިޔާ ކުރާ މަންޒަރު ވީޑިއޯކޮށްފަ އެވެ. އަދި ހިންދޫ ދީނުގެ ޝިއާރުތައް ކިޔަން މަޖުބޫރު ކުރުވައިފަ އެވެ.

އަންސާރީގެ އަންހެނުން ބުނި ގޮތުގައި އެމީހުން އޭނާ ފުލުހުންނާ ހަވާލު ކުރީ އޭނާ ހޭނެތުމުންނެވެ. އޭރު އަންސާރީއަށް އަނިޔާ ކުރާތާ ގާތްގަނޑަކަށް 12 ގަޑި އިރު ވެދާނެ އެވެ. އަދި ފުލުހުން ވަނީ ފުރަތަމަ އޭނާއަށް ފަރުވާ ދިނުމުގެ ބަދަލުގައި، ވައްކަމުގެ ތުހުމަތުގައި އަންސާރީ ހައްޔަރުކޮށްފަ އެވެ.

އަދި އޭގެ ހަތަރު ދުވަސް ފަހުން އަންސާރީ ޖަލުގައި ހުއްޓާ އޭނާގެ ހާލު ދެރަވެގެން ކަމަށް ބުނެ ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް އޭރު އޭނާ ވަނީ މަރުވެފަައި ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެމައްސަލައާ ގުޅިގެން އިންޑިއާއިން ވަނީ 11 މީހުން ހައްޔަރުކޮށްފަ އެވެ. އަދި އަންސާރީއަށް ދޭން ޖެހޭ ފަރުވާ ނުދީ، އިހުމާލުވި ދެ ފުލުހަކު ސަސްޕެންޑުކޮށްފަ އެވެ.

ދެހާސް ސާދަވަނަ އަހަރު އިންޑިއާގެ ވެރިކަމަށް ހަރުކަށި ފިކުރުގެ މޯދީ ވަޑައިގެންނެވި ފަހުން އެގައުމުގައި މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފައި ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ. އަދި އެހަމަލާތައް ހުއްޓުވުމަށް ސަރުކާރު ފެއިލްވެފައިވާ ކަމަށް އެމެރިކާއިން ހާމަކޮށްފައި ވާ ދީނީ މިނިވަންކަމާ ބެހޭ ރިޕޯޓެއްގައިވެ އެވެ.