ބާސެލޯނާގެ ދެވަނަ ގޯލްކީޕަރު ޖެސްޕާ ސިލިޒެން އެ ޓީމު ދޫކޮށް ވާދަވެރި ވެލެންސިއާއަށް ބަދަލުވާން އެއްބަސް ވެއްޖެ އެވެ.

ނެދަލޭންޑާ އެކު ދާދި ފަހުން ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ވެސް ކުޅުނު ސިލިޒެން ވެލެންސިއާއަށް ބަދަލުވާން އެއްބަސްވެފައި ވަނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނަގެ ރިލީޒް ކުލޯސެއްގެ ގޮތުގައި 80 މިލިއަން ޔޫރޯގެ އަގެއް ވަނީ ކަނޑަ އަޅާފަ އެވެ.

މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓުގައި ޔޫރޮޕުގެ ބޮޑެތި ކުލަބުތަކުން ހަރަކާތްތެރި ވަމުން ދިޔަ ނަމަވެސް ބާސެލޯނާ ވަނީ ޓްރާންސްފާގެ ކަންތައް މަޑުޖައްސާލައިފަ އެވެ. އެ ޓީމުން ގެންނަން ބޭނުންވާ އެތުލެޓިކޯ މެޑްރިޑަށް ކުޅުނު އެންޓޮއިން ގްރީޒްމަން އާއި އަޔެކްސްއަށް ކުޅުނު މެތިއަސް ޑެ ލީޙްގެ ސޮއެ ހޯދުމުގެ މަސައްކަތް އެ ޓީމުން އަދިވެސް ދަނީ ކުރަމުންނެވެ.

ނަމަވެސް ގިނަ ރިޕޯޓުތައް ބުނާ ގޮތުން ގްރީޒްމަން ގުޅުން އެންމެ ގާތީ ޕީއެސްޖީއާ އެވެ. އަދި ޑެ ލީޚް ވެސް ގުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިޓަލީގެ ޔުވެންޓަސްއާ އެވެ.

އުމުރުން 30 އަހަރުގެ ސިލިޒެން ވަނީ ވޭތުވެ ދިޔަ ތިން ސީޒަނުގައި ވެސް ބާސެލޯނާއަށް އެ މަގާމު ފުރާފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އޭނާއަށް ކުޅެން ލިބުނީ އެންމެ 32 މެޗެވެ. އަދި އެ މެޗުތަކުގެ ތެރޭގައި ވެސް ސްޕެނިޝް ލީގުން އޭނާއަށް ފުރުސަތު ލިބުނީ ފަސް މެޗުންނެވެ.

ސިލިޒެން ބުނީ އޭނާ ވެލެންސިއާއަށް ބަދަލުވާން ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. މިއީ އަހަރެންގެ ކެރިއަރުގެ ވަރަށް މުހިއްމު ވަގުތުކޮޅެއް. ވީހާ ވެސް އަވަހަކަށް ޓީމުގެ ކުޅުންތެރިންނާ އެކު ބައިވެރިވާން ބޭނުމީ،" ސިލިޒެން ބުންޏެވެ.

އޭނާ ބުނީ ވެލެންސިއާއަށް ބަދަލުވާން ނިންމީ ވަރަށް ބޮޑަށް ވިސްނާފަ ކަމަށާއި އެ ކުލަބަށް ބަދަލުވުމުގެ ކުރިން އެ ކުލަބަށް ކުރިން ކުޅުނު ޑިފެންޑަރު މަޑޫރޯއާއި އެ ޓީމަށް ކުރިން ކޯޗުކަން ކޮށްދިން ރޮނާލްޑް ކޮއެމަންއާ އެވާހަކަ ދެއްކި ކަމަށެވެ.