އިއްޔެ އިރު އޮއްސުނު ތަނާ ހ. ރުށްދޮށުގެ ދެވަނަ ފަންގިފިލާގެ ބެލްކަނި ވެއްޓި އަނިޔާވި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުން ފަރުވާއަށް ފަހު ދޫކޮށްލައިފި އެވެ.

އެ މަންޒަރު ދުށް މީހަކު "ސަން" އަށް ބުނީ ބެލްކަންޏާ ދިމާލުން މަގުމައްޗަށް ވާގޮތަށް ސައިލަކެއްގެ މަތީ ތިބި ބަޔަކަށް އަނިޔާވީ، ބެރި ވެއްޓި، އޭގެ ދަށުވެގެން ކަމަށެވެ. އަނިޔާވެގެން ފަސް މީހަކު އެތަނުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ހ. ރުއްދޮށުގޭގެ ބެލްކަނިން ބަޔެއް ވެއްޓިފައި -- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު "ސަން" އަށް ވިދާޅުވީ ގެއެއްގެ ދެވަނަ ފަންގިފިލާ އިން އެއްޗެއް ވެއްޓި، އަނިޔާވެގެން ފަސް މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭގެތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުން ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެޑްމިޓް ކޮށްފައިވާ މީހާގެ ހާލު ވެސް ސްޓޭބަލް ކަމަށް އައްފާލު ފާހަގަކުރެއްވި އެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން ނުދެއްވަ އެވެ.