ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ 71 އަހަރުގެ މީހާ ޝަރީއަތް ނިމެދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ހުވަދުއަތޮޅު ރަށެއްގައި ނުވަ އަހަރުގެ ކުއްޖަކާ ބެހިގެން 71 އަހަރުގެ މީހާ ހައްޔަރު ކުރީ މިިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާގެ ބަންދު ދެ ފަހަރެއްގެ މަތިން އިތުރު ކުރިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެމީހާ މިހާރު ޝަރީއަތް ނިމެންދެން ބަންދަށް ޖަހާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ހައްޔަރު ކޮށްފައިވަނީ ކުޑަ އަންހެން ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ. މި މައްސަލައިގައި އަންހެން ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެއަށް ވެސް ތުހުމަތުކުރެވެއެވެ.

ޖެންޑާ މިނިސްޓްރީއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހު 10 ވަނަ ދުވަހެއެވެ. މި މައްސަލަ އަދިވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވަތީ މި މައްސަލައިގެ މާބޮޑު ތަފްސީލެއް ފުލުހުން އަދި ޖެންޑާ މިނިސްޓްރީން ވެސް ނުދެއްވައެވެ.