26 Oct 2011, 19:57
އަންނަ ނޮވެމްބަރުން ފެށިގެން ބައިނަލް އަގުވާމީ ދެ އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދެ އެއާލައިންގެ ތެރެއިން ރާއްޖެއަށް ކޮންމެ ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރަން ހަމަޖެއްސީ އަބޫދާބީ ގެ އިއްތިހާދު އެއާވޭސް (ފޮޓޯގައި) ކަމަށެވެ. ޗައިނާގެ ހައިނާން އެއާލައިންގެ ބޯޓުތުތައް ރާއްޖެއަށް އުދުހެނީ ހަފުތާގެ ހޮނިހިރާއި އަންގާރައިގައި ކަމަށް ވެސް ބުންޏެވެ. މި ދެ އެއާލައިނުން 2012 ވަނަ އަހަރުގެ މާޗް މަހާ ހަމައަށް ދަތުރުތައް ކުރާނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި އިއްތިހާދު އެއާލައިން ގެ ދަތުރުތަކަށް ބޭނުން ކުރާނީ އެއާބަސް 320 މަރުކާގެ ބޯޓެކެވެ. އަބޫދާބީ އާއި މާލެއާ ދެމެދު ދަތުރު ކުރާ ބޯޓުގައި 16 ބިޒްނަސް ކްލާސް ގޮނޑިއާއި 120 އެކޮނޮމީ ކްލާސް ގޮނޑި ހިމެނެ އެވެ.
ޗައިނާގެ ހައިނާން އެއާލައިން ދަތުރުތަކަށް ބޭނުން ކުރާނީ ބޮއިންގް 300-767 ގެ މަރުކާގެ ބޯޓާއި އެއާބަސް 200-330 ގެ މަރުކާގެ ބޯޓާއި އެއާބަސް 300-330 މަރުކާގެ ބޯޓް ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އިއްތިހާދު އެއާވޭޒްގެ ފްލައިޓްތަކާއި ޗެކް ރިބަލިކްގެ ޗެކް އެއާލައިނާއެކު ކޯޑްޝެއާ ކުރަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ސަބަބުން ޗެކް ރިޕަބްލިކުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ ފަސޭހަ ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ނޮވެމްބަރު މަހުގައި އޮޕަރޭޓް ކުރަން ފަށާ ދެ އެއާ ލައިންގެ އިތުރުން އަންނަ ޑިސެމްބަރު މަހުގެ ތެރޭ އިޓަލީގެ އެލިޓާލިއާ ގެ ދަތުރުތައް ރާއްޖެއަށް ފަށަން ވެސް މިނިސްޓްރީން ވަނީ މަސައްކަތް ފަށައިފަ އެވެ.