27 Jun 2019, 00:04
ރާއްޖެ އާއި ލަންކާ އާއި ދެމެދު ވެވިފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ޖާގައެއްނެތް ކަމަށް އިދިކޮޅު ޕީއެންސީ އިން ބުނެފިއެވެ.
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް އޭނާ ރާއްޖެ ނުގެނެވި ހުރީ ބައިނަލް އަގުވާމީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާތްތައް ފުރިހަމަ ނުވާތީ ކަމަށް ބުނެ ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނަށް ރައްދުދީ، ޕީއެންސީ އިން ނެރުނު ބަޔާނުގައި ބުނީ ލުތުފީގެ މައްސަލާގައި ސަރުކާރުން މިއަދު ނެރުނު ބަޔާނަކީ ތާކުންތާކު ޖެހޭ ބަޔާނެއް ނޫން ކަމަށެވެ.
އެބަޔާނުގައި ބުނީ ލުތުފީ އަމިއްލައަށްވިޔަސް އަދި އެެހެންގޮތަކުން ވިޔަސް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވާން އެދުމުން އެކަންރާއްޖޭގެ މީޑިއާތަކަށާއި ރައްޔިތުންނަށް ސަރުކާރުން ވަގުތުން ހިއްސާކުރަންޖެހޭނެ ކަމަށް އެ ޕާޓީ އިން ގަބޫލު ކުރާ ކަމަށެވެ.
ލުތުފީ މައްސަލާގައި ސަރުކާރުން ބުނީ ލުތުފީ އެމްބަސީ އަށް ގޮސް އަމިއްލަ އަށް އެމްބަސީ އާ ހަވާލުވީ މެއި އެއްވަނަ ދުވަހު ކަމަށެވެ. އެކަން ސަރުކާރުން މީޑިއާ އާ ހިއްސާކުރީ މީގެ ތިން ދުވަސް ކުރިންނެވެ.
މިއަދު ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ ކުރީ ސަރުކާރުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ރާއްޖެއާއި ސްރީލަންކާ ސަރުކާރާ ދެމެދު ވެފައިވާ ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
އެކަމަށް ރައްދުދީ، ޕީއެންސީ އިން ބުނީ ރާއްޖެ ކޮމަންވެލްތުން ވަކިވެފައި އޮތުމަކީ ރާއްޖެއާއި ލަންކާއާއި ދެމެދު ވެފައިވާ އެއްވެސް ބައިލެޓްރަލް އެގްރީމަންޓަކަށް އޭގެ ސަބަބުން ބުރޫއަރާނެ ކަމެއް ނޫން ކަމަށެވެ.
"އަދި ހާޢްސަކޮށް ދެގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަކާ ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ނެތުމަކާ އެއްވެސް ގުޅުމެއްނެތެވެ. އެހެންކަމުން ދެގައުމުގެ ދެމެދުގައި ވެފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ސައްޙަކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ޖާގައެއްނެތެވެ،" ޕީއެންސީ އިން ބުނީ މިސަރުކާރު ވެރިކަމާ ހަވާލުވިފަހުންވެސް ރާއްޖެއާ ލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރެވިފައިވާކަމަށެވެ.
މީގެ އިތުުރުން އީސްޓާ ސަންޑޭ އާ ދިމާކޮށް ލަންކާގައި ދިން ބޮމުގެ ހަމަލާގެ ސަބަބުން ލުތުފީ ގެނައުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައިވާ ވާހަކައަކީ ގަބޫލު ކުރެވޭ ވާހަކައެއް ނޫންކަމަށް ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގައި ހައްޔަރުކުރެވުނު ދިވެހިންގެ ކަންކަންވެސް ދެސަރުކާރުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކާއެކު ހައްލުކޮށްފައިވާ ކަމަށާއި އެހެންކަމުން ލަންކާގެ ބޮމުގެ ހަމަލާގެ ސަބަބުން ލުތުފީ ރާއްޖެ ގެނައުމުގައި ދަތިތަކެއް އެ ޕާޓީ އިން ނުދެކޭ ކަމަށެވެ.
މީގެ އިތުރުން ލުތުފީ ދެ މަސްދުވަސް ވަންދެން ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ބަހައްޓާ އެކަން ސިއްރުކޮށްގެން ތިބުމަކީ ރައްޔިތުންނަށާއި ނޮވެމްބަރު ތިނެއްގައި ގައި ޝަހީދުވި 19 ޝަހީދުންނާއި އެ އަބްޠާލުންގެ ޢާއިލާތަކަށް ވެފައިވާ "އިންސާފުން އެއްކިބާވެފައިވާ ހަޑިމުޑުދާރު ޢަަމަލެއް" ކަމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ.
ޕީއެންސީ އިން ބުނީ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށްގޮސްފައިވަނީ ލަންކާއަށްދިން ބޮމުގެ ހަމަލާގެ މާކުރިންކަމަށް އެ ޕާޓީ އަށް އެނގިފައިވާ ކަމަށެވެ.
" އޭނާ އެމްބަސީގައި ހުންނަތާ 3 މަސްދުވަހާ ގާތްވެފައިވާކަން އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެއެވެ. އަދި ދާދިފަހުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ވަފުދެއް ލަންކާއަށް ކުރި ދަތުރުގައި ލުތުފީގެ މައްސަލައާއި ގުޅޭގޮތުން މައުުލޫމާތު ލިބިފައިވާކަންވެސް ކަށަވަރުވެއެވެ،" ބަޔާނުަގއި ބުނީ ސަރުކާރުން މިމައްސަލައިގައި ރައްޔިތުންނަށް އޮޅުވާލުންތަކެއް އޮޅުވާލައި، ގަސްތުގައި ލުތުފީ ފޮރުވައިގެން ގެންގުޅެފައިވާކަމީ، ހާމަކަންބޮޑު ގޮތެއްގައި އެނގެން އޮތް ހަގީގަތެއް ކަމަށެވެ.
" އެހެންކަމުން، 19 ދިވެހިން ޝަހީދުކޮށްލި ގާތިލަކު ފޮރުވައިގެން، މިކަން ސިއްރުކޮށް ހިންގާއިފައިވާ ޖަރީމާއަށް ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ،" އެ ބަޔާނުގައި ވެއެވެ.