26 Jun 2019, 21:57
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ މެންބަރު ހިސާން ހުސައިން ޖޭއެސްސީ އިން އިސްތިއުފާ ދެއްވިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ރަފްއަތާއި ހިސާން ޖޭއެސްސީ އިން އިސްތިއުފާ ދެއްވި ކަމަށް ހަބަރު ފެތުރެމުންދާ ކަމަށާއި އެއީ ދޮގެއް ކަމަށެވެ.
"އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން،" އަދި އެފަދަ ވާހަކަތައް ނުފެތުުރުމަށް ޒަހީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ޖޭއެސްސީ އިން އިސްތިއުފާ ދެއްވި ކަމަށް ބުނެ ހިސާން އަދި ރިފްއަތުގެ ނަމުގައި ވަނީ އެސްއެމްއެސް އެއް ދައުރުވެފައެވެ.
ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ 10 މެންބަރުންނެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝދާއި ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި، ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު، ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި އާންމުންގެ ތެރެއިން ކަނޑައަޅާފައިވާ އަބްދުލް ހަންނާނު އަހުމަދާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާފައިވާ ހިސާން ހުސައިން އާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މަސްތޫރު ހުސްނީ އާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާފައިވާ ލަތީފާ ގާސިމް އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.