26 Jun 2019, 20:47
ޝައުރީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ލަސްވާ ސަބަބު ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް އާދަޔާހިލާފަށް ދިގުދެމިގެންދާކަމުގެ ޝަކުވާ ޖޭއެސްސީ އަށް ލިބޭ ކަމަށެވެ.
އެ މައްސަލަތައް ލަސްވުމަށް ދިމާވާ މައިގަނޑު ސަބަބުތަކަކީ ކޮބައިތޯ ދެނެގަނެ އެކަމަކީ ފަނޑިޔާރުންގެ ސަބަބުން ދިމާވާ ކަމެއްނަމަ، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށްވެސް ޒަހީން ވިދާޅުވިއެވެ.
ޒަހީން ވިދާޅުވީ މައްސަލަތައް ލަސްވާ ސަބަބުން ދެނެގަތުމުގެ މަސައްކަތް ފަށާނީ ކްރިމިނަލް ކޯޓުން ކަމަށެވެ. ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތައް ލަސްވާ ސަބަބު ބެލުމަށް ކޮމެޓީ އެއް އެކުލަވާލާފައިވާ ކަމަށާއި އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ތިން މެންބަރުން ކަމަށް ޒަހީން ވިދާޅުވިއެވެ.
އެބޭފުޅުންނަކީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީގެ އިތުރުން ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމާއި ކޮމިޝަންގެ މެމްބަރު ހިސާން ހުސައިނެވެ.
ކޯޓު ތަކުގައި ހުރި މައްސަލަތައް ދިގުލައިގެންދާތީ އާންމު ރައްޔިތުންވެސް އެކަމުގެ ޝަކުވާ ކުރެއެވެ.