މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ބިއްލޫރި ތައްޓަކުންޖަހައި މެމްބަރު އިލްހާމް އަހުމަދުގެ މޭމަތި ޒަހަމުކޮށްލި މައްސަލަ ހިނގިތާ 48 ގަޑިވީއިރު ވެސް ފުލުހުން އެ މައްސަލަ ބަލާފައި ނުވާކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކޮމެޓީގައި އިލްހާމް ދެއްކެވި ވާހަކަފުޅާމެދު ހިތްހަމަޖެހިވަޑައިނުގެން އޭނާއަށް ބިއްލޫރިތައްޓަކުން ހަމަލަދީ މޭމަތިން ބައެއް ޒަހަމްކޮށްލީ އެމްޑީޕީގެ މެންބަރު މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދު ކަމަށް އިލްހާމް ވިދާޅުވެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލްހާމް މިއަދު ހަވީރު ވިދާޅުވީ އެ ހަމަލަ ދިންތާ 48 ގަޑިވީއިރު ވެސް ފުލުހުން އެކަން ބަލާފައި ނުވާކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އަމަލުކުރައްވަމުން ގެންދަވަނީ ސަރުކާރުން އަންގާ ގޮތަށް ކަމަށެވެ.

"ފުލުހުން އެ މައްސަލަ ބައްލަވާފައިނުވޭ. އެ މައްސަލައިގައި އެންމެ ކުޑަމިނުން އަޅުގަނޑުގެ އަތުން ބަޔާނެއް ވެސް ނަގައިފައެއް ނުވޭ. އެއީ އެމްޑީޕީ މީހަކު ކުރިކަމަކަށްވީމަ އެގޮތަށް ފުލުހުން ކަންތައްކުރީ،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ފުލުހުން އެ މައްސަލަ ނުބެލީ އިބުރާހިމް ރަޝީދަށް އަދަބެއް ލިބިދާނެތީ ސަރުކާރުން އަންގައިގެން ކަމަށެވެ.

"ފުލުހުން ވެސް ވަކިމީހަކަށް ވަކިގޮތެއް ހަދައިގެން ނުވާނެ. ޖެހޭނީ ހުރިހާ ރައްޔިތުންނާއި މެދު އެއްހަމައަކުން އަމަލުކުރަން،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް އެހެން ވިދާޅުވި ނަމަވެސް ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ކޮމެޓީގެ ޖަލްސާގައި ބިއްލޫރިތައްޓަކުން އިލްހާމަށް ހަމަލާދީފައި ނުވާނެ ކަމަށާއި "އެއީ އިލްހާމް ހަދާފައިވާ ވާހަކައެއް" ކަމަށެވެ.

"އެއީ ބޮޑު ދޮގެއް، އެ ޖަލްސާގައި އިލްހާމް ނޫންސް ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންނާއި ޑީއާރްޕީގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން ތިބި، އެންމެނަށް ވެސް އެނގޭނެ އަޅުގަނޑު އިލްހާމަށް ހަމަލާ ނުދޭކަން،" އިބުރާހިމް ރަޝީދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިލްހާމް ތުހުމަތު ކުރައްވާ މައްސަލަ ފުލުހުން ނުބަލާ ކަމަށް ބުނި ނަމަވެސް ފުލުހުން އެ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އޭނާ ފުލުހުންނަށް އެއްބާރުލުން ވެސް ދީފައިވާނެ ކަމަށެވެ.

އިލްހާމް ވިދާޅުވާ ހާދިސާ ހިނގި ދުވަހު މަޖިލީހުގެ އަމީން އާންމު ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Ilham Ahmed (mp3)