އެކި ބާވަތުގެެ 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތީ ފުލުހުން މިއަދު ނައްތާލައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ދޫނިދޫގައި ބޭއްވި ހަރަކަތުގައި މަސްތުވާތަކެތި ނައްތާލީ ފުލުހުންނާއި މީޑީއާ އަދި އާންމުންގެ ކުރިމަތީގަ އެވެ.

މި ހަރަކާތުގައި، ނައިބު ރައީސް ފައިސަލް ނަސީމް، ފުލުހުންގެ ކޮމީޝަނާ އޮފް ފޮލިސް މުހައްމަދު ހަމީދު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ސަރުކާރުގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މަސްތުވާތަކެތި ނައްތާލަނީ: 419 ކިލޯގެ މަސްތުވާތެކެތި ވަނީ -- ސަން ފޮޓޯ/ މުޒައިން ނާޒިމް

މިއަދު ނައްތާލި މަސްތުވާތަކެއްޗަކީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ އެއް ވަނަ ދުވަހަށް 3،165 ކޭސްގައި ހިފެހެއްޓުނު 420 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ.

ނައްތާލެވުނު މަސްތުވާތަކެތީގެ ތެރޭގައި މިދިޔަ އެޕްރީލް މަހު ގދ. ފަޅުރަށަކުން އަތުލައިގަނެވުނު 149 ކިލޯގެ މަސްތުވާތެކެއްޗާއި މިދިޔަ މަހު އީރާން ބޯޓުގެ 50 ކިލޯގެ ހިމެނޭ މަސްތުވާތަކެތި ހިމެނެއެވެ. އޭގެ އިތުރުން 2016 ވަނަ އަހަރުގެ ޖޫން މަހު ކަނޑުމަގުން އެތެރެކުރަން އުޅުނު 29 ކިލޯގެ މަސްތުވާތަކެއްޗާއި 2014 ވަނަ އަހަރު މާޗް މަހު އީރާން ބޯތަކުން އަތުލައިގަތް 24 ކިލޯގެ މަސްތުވާތަކެތިވެސް މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެއެވެ.

ޕޮލިސް ކޮމިޝަނާ ހަމީދު ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ، މިއަދު ނައްތާލި މަސްތުވާތަކެތީގައި ޝަރީއަތް ނުނިމޭ މައްސަލަތަކުގައި ގާނޫނު ހުއްދަ ކުރާ މިންވަރަށް މަސްތުވާތަކެތި ބެހެއްޓުމަށްފަހު، 2014 ގެ ފަހުން ހިނގި ހުރިހާ އޮޕަރޭޝަންތަކުގެ މަސްތުވާތަކެއްޗެއް ނައްތާލާފައިވާ ކަމަށެވެ.

ނައްތާލާފައިވަނީ ބަރުދަނަށް ބަލައި ދައުވާކުރެވޭ މިންވަރުގެ ދެ ގުނަ ބެހެއްޓުމަށްފަހު ބާކީ ބައެވެ.

މަސްތުވާތަކެތި ނައްތާލުން: މި ހަރަކާތުގައި ފުލުހުންނާއި ނައިބު ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގެންނެވި - ސަން ފޮޓޯ/ މުޒައިން ނާޒިމް

މީގެ އިތުރުން 2014 ގެ ކުރިންވެސް އެކި ކޭސްތަކުގައި ހިމެނޭ ވަރަށް މަސްތުވާތަކެތި ހިމެނޭ ކަމަށާއި އެ މަސްތުވާތެކެތީގެ މަސްސަލަތަކާއި އޮޑިޓް ހަދަމުންދާ ކަމަށެވެ.

"2014 ގެ ކުރިގެ މައްސަލަތަކުގެ މަސްތުވާތަކެތިވެސް އޮޑިޓް ކުރަމުން އަޅުގަނޑުމެން އަންނަނީ. އެ މަސައްކަތް ނިމުމުން ވީހާވެސް އަވަހަށް ނައްތާލާން،" ހަމީދު ވިދާޅުވިއެވެ.

މިއަދު ނައްތާލި މަސްތުވާތެކެތީގެ ތެރެއިން ގިނައިން ހިމެނެނީ، ހެރޮރިންނާއި ކެނެބިސްއެވެ. އެމްޑީއެމްއާއި ކޮކެއިން އަދި އެހެނިހެން ބާވަތްތަކުގެ މަސްތުވާތެކެތިވެސް މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެ އެވެ.

މަސްތުވާތެކެއްޗާއި ބެހޭ މައްސަލަތަކުގައި އެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާއި މެދު އަމަލު ކުރާނެ ގޮތުގެ ގައިދުގައިވާ ދަށުން، މަސްތުވާތަކެތި ނައްތާލުމަށް ހަމަޖެހިފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އެކުލަވާލާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. މިއަދު މަސްތުވާތަކެތި ނައްތާލީ އެ ކޮމިޓީގެ ހާޒިރުގަ އެވެ.

މިއީ ގޮތަށް އާންމުނަށް ހުޅުވާލައިގެން މިހާ ގިނަ އަދަދަކަށް މަސްތުވާތަކެތި ނައްތާލި ފުރަތަމަ ފަހަރެެވެ.