ހ. ރުއްދޮށުގޭ ބެލްކަނިން ބެރިއެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

އެ މަންޒަރު ދުށް މީހަކު "ސަން" އަށް ބުނީ ބެލްކަންޏާ ދިމާލުން މަގުމައްޗަށް ވާގޮތަށް ސައިލަކެއްގެ މަތީ ތިބި ދެމީހަކަށް އަނިޔާވީ، ބެރި ވެއްޓި، އޭގެ ދަށުވެގެން ކަމަށެވެ.

"ސީދާ އެމީހުން ތިބި ދިމާލުން ވެއްޓުނީ. އެމީހުން ތިބީ އޭގެ ދަށުގައި" އޭނާ ބުންޏެވެ.

ބެރި ދަށުވި ދެމީހުންގެ އަނގަ އާއި ނޭފަތުން ލޭ އަންނަމުން ދިޔަ ކަމަށާއި އެމީހިންގެ ކަކުލާއި އުނަގަނޑަށް އަނިޔާވެފައިވާކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

"އެމީހުން ގެންދިޔައީ އޭޑީކޭ އަށް. ސީދާ ވީ ގެއްލުމެއް ބުނާކަށް ނޭނގޭ. އަނގަ އާއި ނޭފަތުން ލޭ އަންނަމުން ދިޔައީ. ފަޔާއި އުނަގނަޑު ބިނދިފައި އޮންނާނެ ކަމަށް ބެލެވެނީ،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ. ވެއްތުނީ ބެލްކަނިން މަގުމައްޗަށް ވާގޮތަށް ނިކުމެފިއި އިންނަ ބައި އެއްކޮށް ކަމަށްވެސް އޭނާ ކިޔައިދިނެވެ.

އެ ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ބެރި ވެއްޓުމުގެ ސަބަބުން ދެ މީހަކަށް ބޮޑެތި އަނިޔާތައް ލިބުނު އިރު އެ ސަރަހައްދުގައި ޕާކުކޮށްފައިހުރި ސައިކަލު ތަކަށްވެސް ވަނީ ގެއްލުން ވެފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު "ސަން" އަށް ވިދާޅުވީ ގެއެއްގެ ދެވަނަ ފަންގިފިލާ އިން އެއްޗެއް ވެއްޓި، އަނިޔާވެގެން ހަތަރު މީހަކު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ފަސް މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އައްފާލު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ 19 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރާއި 23 އަހަރުގެ ފިރިހެނެއް ކަމަށް އޭޑީކޭ އިން ބުންޏެވެ.

އެ ހާދިސާ އާ ގުޅޭ ގޮތުން ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ލިބުނީ 6:20 އެހައިކަންހާއިރު ކަމަށެވެ. ބެރި ވެއްޓުމުގެ ސަބަބުން ފަސް މީހަކަށް އަނިޔާވި ކަމަށާއި އެ ފަސްމީހުންނަށް ވެސް އޭޑީކޭ ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.