26 Jun 2019, 18:58
މިނިސްޓްރީ ހޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ހެރިޓޭޖު ޑިރެކްޓަރުގެ މަގާމަށް ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫނު ޖަލީލް (ލޫކަސް) އައްޔަނު ކޮށްފިއެވެ.
އޭނާ އެ މަގާމަށް އައްޔަނު ކުރީ މިއަދު އެވެ. ލޫކަސް އަކީ ތާރީހާއި ސަގާފަތާ ބެހޭ ދިރާސާތައްކޮށް އަދަބިއްޔާތުގެ މަސައްކަތްވެސް ކުރާ ޒުވާނެކެވެ.
ލޫކަސް އަކީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފަޑުކިޔާ، އޭރު އިދިކޮޅު ހަރަކާތްތަކުގައި ހަރަކާތްތެރިވި ޒުވާނެކެވެ.
ކުރީ ސަރުކާރަށް ފާޑުކިޔާ ޓްވީޓު ކުރުމުން ލޫކަސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުވެސް ކުރިއެވެ. އަދި ކުރި ޓްވީޓަކާ ގުޅިގެން މިދިޔަ ސަރުކާރުން އޭނާ ހައްޔަރުވެސް ކުރިއެވެ. ޔާމީން ސަރުކާރުގެ ފަހު ދުވަސްކޮޅު ލޫކަސް އުޅުނީ ސްރީލަންކާގައެވެ.
ލޫކަސް ހެރިޓޭޖު މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އައްޔަނު ކުރުމުން އޭނާ ކުރި ޓްވީޓެއްގައި ބުނީ ތާރީހާއި ސަގާފަތާ ގުޅޭ މަސައްކަތްތައް ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ހެރިޓޭޖު މިނިސްޓްރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އިތުރު ހިތްވަރެއް ކަމަށެވެ.