ސިނާއީ އަދި ދަނޑުވެރިކަމަށް ގދ. ގަން އެއަތޮޅު ގައްދޫގެ ކައުންސިލްއާ ހަވާލުކުރުމަށް އެ ރަށުގެ ކައުންސިލްއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ދަންނަވައިފި އެވެ.

ރައީސް ސޯލިހް މިއަދު ވަނީ ގައްދޫ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައިފަ އެވެ. ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، އެ ރަށުގެ މިހާރުގެ ހާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސްއާ ވަނީ ހިއްސާކޮށްފަ އެވެ.

އެ ބައްދަލުވުމާ ބެހޭ ގޮތުން "ސަން" އަށްް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ނާއިބު ރައީސް އާމިނަތަތު ފަރުޒީނާ ވިދާލުވީ އެ ރަށުގެ ގިނަ ބަޔަކު ގަމުގައި ސިނާއީ އަދި ދަނޑުވެރިކަން ފަދަ މަސައްކަތް ކުރުމަށް އެދެމުންދާ ކަމަށެވެ.

"ރައީސް ސޯލިހް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް ވައުދުވެ ވަޑައިގެންނެވި ގަން ގައްދޫ ކައުންސިލްއާ ހަވާލުކުރުމަށް. މިރަށުގެ ރައްޔިތުން ބޭނުންވޭ ޓޫރިޒަމްގެ މަސައްކަތްތަކާ ދަނޑުވެރިކަމުގެ މަސައްކަތް ކުރަން. މިހާރު ގަން އޮންނަނީ ކައުންސިލްގެ ބާރުގެ ދަށުގައެއް ނޫން. އެހެންވެ އަޅުގަނޑުމެންނަކަށް ނޯވޭ ބާރެއް." ފަރުޒީނާ ވިދާޅުވި އެވެ،

ގަމަކީ ގދ. ގައްދޫއާ ވަރަށް ކައިރީގައި އޮންނަ ރަށެއް ވެސް މެ އެވެ. އެ ރަށުގައި މިހާރު ވެސް އެކި ބާވަތްތަކުގެ ދަނޑުވެރިކަން ކުރެ އެވެ.

ކައުންސިލަރުން ރައީސްއަށް ހުށަހެޅުއްވި އިތުރު ކަންތައްތަކުގެ ތެރޭގައި ރަށުގެ އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށްދިނުމާއި، ހޮސްޕިޓަލާއި މަގުހެދުމުގެ މަޝްރޫއުކުރިޔަށް ގެންދިއުމާއި، ރަށުގައި ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުމާއި، ގައްދޫގެ ހިއްކި ބިން ސަރަޙައްދު ހިމާޔަތްކުރުމާއި، ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން ހިމެނެ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކައުންސިލްއިން ހުށަހެޅި ކަންކަމަށް، ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.