26 Jun 2019, 19:06
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ މްޝަރޫގެ ދަށުން ގައުމީ ޔުނިވާިސިޓީ (އެމްއެންޔޫ)އިން އިއުލާންކުރި ފްލެޓްތަކުގެ ޕްރޮޖެކްޓްގެ މަސައްކަތް އެޗްޑީސީން ކެންސަލްކުރި މައްސަލައިގައި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ޔުނިވާސިޓީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެމްއެންޔޫގެ މުވައްޒަފުންނަށް 15 ބުރީގެ ދެ ޓަވަރު އެޅުމަށް މިދިޔަ އަހަރު ވަނީ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ އާރުއައި އިންޖިނިއަރިންއާއެކު އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ. އަދި އެ މަޝްރޫއުގެ ކޮންސެޕްޓާއި އަދި ކުރެހުންތަކަށް އެމްއެންޔޫއިން ވަނީ 19.7 މިލިއަން ރުފިޔާ ހަރަދުވެސް ކޮށްފަ އެވެ.
ނަމަވެސް އެޗްޑީސީން ފަހުން ވަނީ އެ މަޝްރޫއަށް އެމްއެންޔޫއަށް ބިން ނުދޭން ނިންމައިފައެވެ. އަދި އެ އެއްބަސްވުން މީގެ ދެމަސް ކުރިން ވަނީ ބާތިލްކޮށްފަ އެވެ.
އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ މުއާވިޔަތު މުހައްމަދު "ސަން" އަށް ވިދާޅުވީ ބަދަލު ހޯދުމަށް އެދި މައްސަލަ މީގެ ހަފްތާއެއްހާ ދުވަސްކުރިން ސިިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
"ބަދަލު ހޯދަން ހުށަހެޅިއިރު އަޅުގަނޑުމެން އިންނާނެ އެއްބަސްވުން ބާތިލްކުރުމުން ލިބޭ އިތުރު ގެއްލުމަކުންވސް ބަދަލު ލިބޭގޮތަށް ހަދައިދިނުމަށް." މުއާވިޔަތު ވިދާޅުވި އެވެ.
އެމްއެންޔޫއިން ސިންގަޕޫރުގެ ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުގެ 15 ޕަސެންޓް އޮތީ އެ ޔުނިވާސިޓީން ދައްކާގޮތަށެވެ. އަދި ބާކީ 85 ޕަސެންޓް އޮތީ ކޮންޓްރެކްޓާ ފައިނޭންސްކުރާ ގޮތަަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ގިނަ ކުންފުނިތަކުންވެސް އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ފްލެޓް އެޅުމަށް އިއުލާންކުރި އެވެ.