ކޮލޮމްބޯ (ޖޫން 26): ސްރީލަންކާގައި ހަތަރު މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރަން އަންގާ އަމުރެއްގައި ރައީސް މައިތިރިޕާލާ ސިރިސޭނާ ސޮއި ކުރައްވައިފިއެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ އެމީހުން މަރާނެ ދުވަހެއް މިހާރު ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެ ހުކުމް ކޮށްފައިވާ މީހުންނާއި، މަރަން ހަމަޖެހިފައިވާ ދުވަހާ ބެހޭ ގޮތުން ރައީސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ހަތަރު މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް އަންގާ އަމުރެއްގައި އަޅުގަނޑު ވަނީ ސޮއިކޮށްފަ. އެ އަމުރު ވަރަށް އަވަހަށް ތަންފީޒުކުރާނެ. އަދި އެކަމަށް ތާރީހެއްވެސް ވަނީ ކަނޑައަޅާފައި،" ސިރިސޭނާ ވިދާޅުވިއެވެ.

ސިރިސޭނާ އެފަދައިން ވިދާޅުވީ ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން ތައްޔާރުވަމުންދާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލްއިން ކަންބޮޑުވުން ފާޅުކުރި ފަހުންނެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި ލަންކާގައި ތިބި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ އަދަދު 200،000 އަށް އަރައެވެ. އަދި އެ ގައުމުގައި ތިބި 24،000 ގައިދީންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގެ ސަބަބުން ހައްޔަރު ކޮށްފައިވާ މީހުންނެވެ.

ލަންކާގައި މީހުން މެރުމަށާއި ރޭޕް ކުރުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓުތަކުން މަރަން ހުކުމް ކުރި ނަމަވެސް، 1976ގެ ފަހުން އެ ހުކުމް ތަންފީޒެއް ނުކުރެއެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ސިރިސޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް އަވަހަށް މަރުގެ ހުކުމް ތަންފީޒުކުރަން ފަށާނެކަމަށް ވިދާޅުވެފައެވެ.

ސިރިސޭނާ އެފަދައިން ވިދާޅުވީ ޖެނުއަރީ މަހު ފިލިޕީންސަށް ވަޑައިގެން އެގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭއާ ބައްދަލުކުރައްވައި، އެގައުމުގައި "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ"އާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ސިރިސޭނާ ވަނީ އޭނާވެސް ބޭނުންފުޅު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެފަދަ ހަރުކަށި ފިޔަވަޅު އަޅަން ކަމަށް ވިދާޅުވެފައެވެ.