ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި އޭޕްރަންގައި ފްލައިޓު އޮޕަރޭޝަންސް ކާމިޔާބުކަމާއެކު މިއަދު ޓެސްޓުކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު ދެކުނުގައި ގާއިމުކުރި މި އޭޕްރަން ޑިޒައިންކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.

ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިއަދު ވަނީ، ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއާބަސް މަރުކާގެ އެއާކްރާފްޓަކާއެކު އާ އޭޕްރަންގައި ހިންގި ޓެސްޓު ފްލައިޓު އޮޕަރޭޝަނުގެ ފޮޓޯތައް އާންމުކޮށްފައެވެ. އަދި އެ ޓެސްޓު އޮޕަރޭޝަންތައް ކާމިޔާބުކަމަށްވެސް އެމްއޭސީއެލްއިން ބުންޏެވެ.

އެކުންފުނިން ބުނީ މިހާރު އިންތިޒާރުކރުަމުން ދަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނާއި ޑިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ ފަރާތުން އޭޕްރަންގައި އޮޕަރޭޝަންތައް ހިންގުމުގެ ފައިނަލް ސެޓިފިކޭޝަން ލިބެންދެން ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި، ގާތްގަނޑަކަށް 70،000 އަކަމީޓަރުގެ ޖާގައިގެ މި އާ އޭޕްރަންގައި ކޯޑު އީ ގިންތީގެ ފަސް އެއާކްރާފްޓާއި ކޯޑު ސީ ގިންތީގެ ހަތް އެއާކްރާފްޓަށް ޕާކު ކުރެވޭނެއެވެ.