26 Jun 2019, 16:30
މެކްސިކޯސިޓީ (ޖޫން 26): އެމެރިކާއާ މެކްސިކޯގެ ބޯޑަރުގެ ބަޔެއް ހިއްސާ ކުރާ ރިއޯ ގްރޭންޑް ކޯރު ހުރަސް ކުރަނިކޮށް ޣަރަގުވި އެލް ސަލްވަޑޯގެ ފިރިހެނަކާއި އަންހެން ދަރިފުޅުގެ ފޮޓޯއަށް ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
މެކްސިކޯގެ ނޫސްވެރިއަކު ހޯމަ ދުވަހު ނެގި ފޮޓޯއިން ފެންނަނީ ބައްޕަ އާއި ދަރިފުޅު މޫނު ވަތަށް ކޯރު ތެރޭ އޮއްވަ އެވެ. އުމުރުން އެންމެ 23 މަހުގެ ކުޑަ އަންހެން ކުއްޖާގެ މޫނާއި ހަށިގަނޑު އޮތީ ބައްޕަގެ ޓީޝާޓުން ނިވާވެފަ އެވެ. ނަމަވެސް ކުއްޖާގެ އަތް އޮތް ގޮތުން، ދަރިފުޅު އޮތީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ބައްޕަގެ ގައިގައި ބައްދާލައިގެންކަން އެނގެ އެވެ.
އެފޮޓޯ ނެގި ނޫސްވެރިޔާ ހޫލިއާ ލި ޑަކް ބުނި ގޮތުގައި އެމެރިކާއަށް ހިޖުރަ ކުރުމަށް ޓަކައި އޮސްކާ ރަމީރޭޒް އާއި އޭނާގެ އަންހެނުންނާއި ދަރިފުޅު މެކްސިކޯއަށް ދިޔައީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އަދި އެމީހުން ރިއޯ ގްރޭންޑް ހުރަސްކޮށް އެމެރިކާއަށް ދާން ނިންމީ އެގައުމުން ހިމާޔަތް ހޯދުމުގެ ފުރަތަމަ މަރުހަލާތައް ފަށަންވެސް އެތައް ހަފްތާއެއް ހޭދަ ކުރަން ޖެހިދާނެކަން އެނގުމުންނެވެ.
ރަމީރޭޒްގެ އަންހެނުން ޓާނިއާ އާވަލޮސްއާ ހަވާލާދީ މެކްސިކޯގެ ނޫހުގައިވާ ގޮތުން، ރަމީރޭޒް ކޯރު ހުރަސްކޮށްފައި ފުރަތަމަ ގެންދިޔައީ ދަރިފުޅު ވެލޭރިއާ އެވެ. ނަމަވެސް އޭނާގެ އަންހެނުން ބަލާ ދާން ފަތައިގަތުމުން ވެލޭރިއާ ވެސް ބައްޕައާ އެއްކޮށް ދާން ކޯރަށް ފުންމާލީ އެވެ. އަދި ދަރިފުޅު ސަލާމަތް ކުރަން އުޅެނިކޮށް، މާ ބޮޑަށް އޮއި ގަދަވުމުން ދެބަފައިން އޮޔާ އެކު ދިޔައީ އެވެ.
އާދިއްތަ ދުވަހު ހިނގި އެހާދިސާއަށް ފަހު ދެބަފައިންގެ ހަށިގަނޑު ފެނުނީ ހޯމަ ދުވަހެވެ. އަދި އާވަލޮސް މިހާރު ހުރީ މެކްސިކޯގެ ހިޖުރަވެރިންނަށް ހާއްސަކޮށްފައިވާ ކޭމްޕެއްގައި ކަމަށާއި ބައްޕަ އާއި ދަރިފުޅުގެ ހަށިގަނޑު މާދަމާ އެލް ސަލްވަޑޯއަށް ގެންދާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުންޏެވެ.
އެފޮޓޯއިން ވަނީ ސެންޓްރަލް އެމެރިކާގެ ބައެއް ގައުމުތަކުގެ ހަމަނުޖެހުމާއި ފަގީރުކަމުން ސަލާމަތްވުމަށް އެމެރިކާއަށް ދާ މީހުން ކުރިމަތިލާން ޖެހޭ ނުރައްކާތެރި ހާލަތްތައް ރަމްޒުކޮށްދީފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުގެ ދަށުން އެގައުމުން ވަނީ އެމެރިކާގެ ހިމާޔަތަށް އެދޭ ގިނަ އަދަދެއްގެ މީހުން މެކްސިކޯގައި މަޑު ކުރުމަށް މަޖުބޫރު ކުރުވާފަ އެވެ. އަދި ހިމާޔަތް ހޯދުމަކީ ބައެއް ފަހަރު އެތައް އަހަރުތަކެއް ވެސް ނަގާފާނެ ކަމަކަށް ވުމުން، ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރި ނޫން ގޮތް ގޮތަށް ބޯޑަރު ހުރަސް ކުރަން ޖެހެ އެވެ. އެގޮތަށް އެމެރިކާ އާއި މެކްސިކޯގެ ބޯޑަރު ހުރަސް ކުރަން އުޅުމުގެ ތެރޭގައި މިދިޔަ އަހަރު 283 މީހުން މަރުވެފައިވެ އެވެ.
ބައެއް ފަރާތްތަކުން ވަނީ ރަމީރޭޒް އާއި އޭނާގެ ދަރިފުޅުގެ ފޮޓޯ ފެނުމުން، 2015 ވަނަ އަހަރު މެޑިޓެރޭނިއަން ކަނޑު ހުރަސް ކުރަނިކޮށް ޣަރަގުވި ތިން އަހަރުގެ އަލަން ކުރުދީގެ ހަނދާންއާވާކަން ފާހަގަކޮށްފަ އެވެ. ސީރިއާއަށް ނިސްބަތްވާ އަލަން ކުރުދީ އާއި ފަސް އަހަރުގެ ބޭބެ ގާލިބް އާއި ދެ ކުދިންގެ މަންމަ މަރުވީ ސީރިއާ ހަނގުރާމައިން ސަލާމަތްވެ، ޔޫރަޕަށް ދާން ކަނޑު ހުރަސް ކުރަނިކޮށެވެ. އެހާދިސާއަށް ފަހު އަލަންގެ ފޮޓޯ ސޯޝަލް މީޑިއާގައި ފެތުރި، ޔޫރަޕިއަން ލީޑަރުންގެ މެދުގައި އިމިގްރޭޝަނާ ބެހޭ އާ މަޝްވަރާތައް ކުރަން ފެށި އެވެ.