ލ. ހިތަދޫ ކައިރިން ގަވައިދާ ހިލާފަށް ވެލި ބަރުކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ އުޅަނދު އެހެން ބަޔަކަށް ވިއްކާލައިފި ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނީ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ އުޅަނދު އެ އޮފީހުގެ ހުއްދަ ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަތުރުކުރާކަމުގެ މައުލޫމާތު ލިބުމުން އެކަން ބަލައި ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެޅީ ކޮން ފިޔަވަޅެއް ކަމެއް ކަސްޓަމްސް އަކުން ނުބުނެއެވެ.

"އަދި ކަސްޓަމްގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހު އުޅަނދުގެ ވެރިފަރާތުން މިހާރު އެ އުޅަނދު ވަނީ އެހެން ފަރާތަކަށް ވިއްކާލާފައި،" ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ އުޅަނދު ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާ ނިންމާފައިވާ ކަމަށެވެ.

ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެވެފައިވާ އެ ބޯޓަކީ ލ. ހިތަދޫ ކައިރިން ވެލި ނަގައިގެން ދުބާއީއަށް ވެލި ބޭރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިގެން އާންމުން ޝަކުވާ ހުށަހެޅި ބޯޓެކެވެ.

މި ބޯޓުގެ ވާހަކަ އާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުން ޓްވިޓާގައި މީހަކު ބުނެފައިވަނީ ހިތަދޫ ކައިރީ އަޅާފައިވާ މި ބޯޓުން ވެލި ބޭރުކުރަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕްް ބްރިޖުގެ އެއްބަސްވުމުގެ ދަށުން ކަމަށް ބޯޓުގައި މަސައްކަތް ކުރާ މީހުން ބުނެފައިވާ ކަމަށެވެ. އެ ބޯޓުގައި ރެޖިސްޓްރީ ނަންބަރެއްވެސް، އެއްވެސް ގައުމެއްގެ ދިދައެއްވެސް ނެތްކަމަށް ބޯޓުގެ ވީޑިއޯއާއެކު ޓްވީޓު ކުރި މީހާ ބުނެފައިވެއެވެ.

ޕްރޮޖެކްޓްތަކަށް 51 އުޅަނދެއް ރާއްޖެ އެތެރެކުރި

ރާއްޖޭގައި އެކި އެކި ޕްރޮޖެކްޓްތައް ހިންގުމަށް ވަގުތީ ގޮތުން 51 އުޅަނދެއް ރާއްޖެ އެތެރެ ކުރި ކަމަށް ކަސްޓަމްސްއިން މިއަދު ވަނީ ބުނެފަ އެވެ.

ކަސްޓަމްސް ސާވިސްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިމި ދިޔަ ތިން އަހަރުގެ ތެރޭގައި އެކި އެކި ޕްރޮޖެކްޓްތައް ހިންގަން 51 އުޅަނދެއް ރާއްޖ އެތެރެ ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން 37 އުޅަނދެއް އަދިވެސް ބޭނުން ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އޭގެ އިތުރުން ޕްރޮޖެކްޓް ހިންގަން ގެނެވުނު އުޅަނދު ތަކުގެ ތެރެއިން 12 އުޅަނދެއް މުއްދަތު ހަމަވެގެން ރާއްޖެއިން އަނބުރާ ފޮނުވާލަން އަންގާފައިވާނެ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ. އަދި އެ އުޅަނދު ތަކަށް ދައްކަން ޖެހޭ ޑިއުޓީ ދައްކަން އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ. އޭގެ ތެރެއިން މިހާރު ދެ އުޅަނދެއް ފޮނުވާލާފައިވާ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

މިހާރު އަނބުރާ ފޮނުވާ ނުލައި އޮތް 10 އުޅަނދަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 39.7 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ ދައްކަން އަންގާފައިވާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.