ނިއުދިއްލީ (ޖޫން 26) : އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ، އިންޑިއާއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ނަރަންދްރަ މޯދީއާ ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވީ އެމެރިކާއިން ދެކުނު އޭޝިޔާއާ އަދި އޭޝިޔާއާ ޕެސިފިކް ސަރަހައްދުގައި ގެންގުޅޭ ސިޔާސަތުތައް އިންޑިއާއާ އެކު ވިލަރެސްކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމާއި ދެގައުމުގެ އަސްކަރީ އަދި އިގްތިސާދީ ގުޅުންތަކާބެހޭގޮތުންނާއި ގަލްފުގެ މަސްރަހު ހޫނުވުންފަދަ ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާބެހޭގޮތުން ކަމަށް ޚަބަރުތައް ލިބެއެވެ.

ޕޮމްޕެއޯ އިންޑިއާއަށް ވަޑައިގެންނެވީ ސައޫދީ އާއި ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅަށްފަހު ކުއްލިގޮތަކަށް އަފްޣާނިސްތާނަށްވެސް ވަޑައިގަތުމަށްފަހުގައެވެ. އެމެރިކާއާއި އިންޑިއާއަކީ ޗައިނާގެ ވާދަވެރި ދެގައުމެވެ. އެހެންކަމުން އޭޝިއާގައި ޗައިނާ އާ ކުރިމަތިލުމުގައި އެމެރިކާއާއި އިންޑިއާއިން މިފަހަކަށްއައިސްދަނީ އެދެގައުމުގެ ސިޔާސަތުތައް ވަރަށް ބޮޑަށް ވިލަރެސްކުރަމުންނެވެ. އޭޝިޔާއާއި ޕެސިފިކް ސަރަހައްދުގައި ޗައިނާއާ ކުރިމަތިލުމުގައި އިންޑިއާއާ އެމެރިކާއަށް އެއްބާރުލުން ދެމުންގެންދާ ގައުމުތަކުގެ ތެރޭގައި ޖަޕާންއާއި އޮސްޓްރޭލިޔާ ހިމެނެއެވެ.

ނަމަވެސް އެމެރިކާއާއި އިންޑިއާ ދެމެދު ވިޔަފާރީގެ ކުރިމަތިލުންތަކެއް ދާދިފަހުންވަނީ ހިނގާފައެވެ. އަދި އިންޑިއާއިން ރަޝިއާއާ އެކު ބާއްވާ އިސްތިރާޖީ ގުޅުންތަކާމެދުވެސް އެމެރިކާ ހިތްހަމަނުޖެހެއެވެ. ޕޮމްޕެއޯގެ މި ދަތުރުފުޅާ ދިމާކޮށް އެމެރިކާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޯދީގެ ސަރުކާރުން ބޭނުންވާފަދަ ވަޒީފާގެ ގިނަ ފުރުސަތުތައް އިންޑިއާއަށް ފަހިކޮށްދޭން އެމެރިކާ ތައްޔާރަށް އޮތް ކަމަށާ، ނަމަވެސް ވިޔަފާރީގެ ރޮނގުން އެމެރިކާއާއި ދެކޮޅަށް އިންޑިއާއިން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކަށް އިންޑިއާ ލުއި ދޭންޖެހޭ ކަމުގައެވެ. (ނޫސްއެޖެންސީތައް)