26 Jun 2019, 14:23
ވަގުތީ ގޮތުން އެތެރެކުރާ އުޅަނދުތަކުން ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 39 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ކަސްޓަމްސް ސާވިސާސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކިއެކި ޕްރޮޖެކްޓްތަކުގައި ބޭނުންކުރުމަށް ވަގުތީގޮތުން އިމްޕޯޓްކުރެވޭ އުޅަނދުފަހަރަކީ އެތަކެތި އެތެރެކުރެވޭ ޕްރޮޖެކްޓެއްގައި އެކަނި ބޭނުންކުރުމަށް ނުވަތަ މުއްދަތު ހަމަވުމުން ޑިއުޓީފްރީ އެހެން ޕްރޮޖެކްޓަކަށް ބަދަލުކުރުމަށް ޝަރުތުކޮށް ވަކި މުއްދަތަކަށް ގެނެވޭ ތަކެތި ކަމަށެވެ.
އެހެންކަމުން އެ ގޮތަށް ހުއްދަދެވޭ މުއްދަތު ހަމަވުމުގެ ކުރިން އުޅަނދު އަނބުރާ ފޮނުވާލަން ޖެހޭނެ ކަމަށާއި އެމުއްދަތުގެ ތެރޭގައި އުޅަނދު ފޮނުވާނުލެވޭނަމަ އުޅަނދުގެ އަގުން ދައުލަތަށް އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭނެކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެގޮތުން ފާއިތުވި ތިން އަހަރު އެކި ޕްރޮޖެކްޓްތަކުގައި ބޭނުންކުރުމަށް 51 އުޅަނދެއް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށާއި އޭގެތެރެއިން ހުއްދަދީފައިވާ މުއްދަތު ހަމަނުވާތީ 37 އުޅަނދެއް އަދިވެސް ގެންދަނީ އުޅަނދު ގެނެވުނު ޕްރޮޖެކްޓްގެ މަސައްކަތުގައި ބޭނުންކުރަމުންގެންދާ ކަމަށެވެ.
އެހެން ނަމަވެސް ބޭނުންކުރުމަށް ހުއްދަދެވުނު މުއްދަތު ހަމަވެގެން 12 އުޅަނދަކަށް ރާއްޖެއިން އަނބުރާ ފޮނުވާލަން ނުވަތަ އުޅަނދުގެ ޑިއުޓީއަށްވާ ފައިސާ ދައްކަން އެންގައި އޭގެ ތެރެއިން 2 އުޅަނދެއް އަނބުރާ ފޮނުވާލާފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
" މިހާރު އަނބުރާ ފޮނުވާނުލެވި ރާއްޖޭގައިއޮތް 10 އުޅަނދަކަށް އިމްޕޯޓްޑިއުޓީގެ ގޮތުގައިޖެހޭ 39.7 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ދެއްކުމަށް އެފަރާތްތަކަށް ވަނީ އެންގިފައެވެ." ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.