މިނާ ގްރޫޕް މެދުވެރިކޮށް ރާއްޖެއިން ހައްޖަށްދާ އެއްވެސް ހައްޖާޖީއަކަށް ހައްޖަށް ނުދެވޭނެ ކަަމުގެ ބިރުބޮޑުވެއްޖެއެވެ.

މިނާ ގްރޫޕްއިން ހައްޖަށް ދާ ބައެއް މީހުން "ސަން" އާ ވަހަކަ ދައްކަމުން ބުނީ ހައްޖަށް ދެވޭނެކަމުގެ އުއްމީދެއް ނެތް ކަމަށް އެ ގްރޫޕްއިން މިއަދު އަންގާފައިވާކަމަށެވެ.

މިނާ ގްރޫޕް މެދުވެރިކޮށް މިއަހަރު 90 މީހުން ހައްޖަށް ދެެއެވެ. އެ ގްރޫޕްއިން ހައްޖަށް ދިއުމަށް ކޮންމެ މީހެއްގެ އަތުން 69،965 ރުފިޔާ ވަނީ ނަގައިފައެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމުގައި ދޫކުރި ކޯޓާތަކުގައި މައްސަލަ އުޅޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ނަމަވެސް ހައްޖުގެ ކަންކަން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީއަށް ލަފާދީފައިވާކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

ހައްޖަށް މީހުން ގެންދިއުމަށް އެކި ގްރޫޕްތަކުން އީ ޕޯޓަލްއެއް ބޭނުން ކުރެއެވެ.

މިނާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުޖެއިލް "ސަން" އަށް ވިދާޅުވީ ހައްޖުގެ އީ ޕޯޓަލް މިނިސްޓްރީން އެ ގްރޫޕަށް މިހާތަނަށްވެސް ހުޅުވާނުލާ ކަމަށެވެ.

"އަޅުގަނޑު އެކަމާ ގުޅިގެން މިއަދު އިސްލާމިކް މިނިސްޓަރާ ވެސް ބައްދަލުކުރިން. ބުނި އޭސީސީން ޖަވާބެއް ނުލިބޭތީކަމަށް އެކަން ހުއްޓިފައި އޮތީ. ނަމަވެސް އޭސީސީން ބުނީ ހައްޖުގެ ކަންތައް ހުއްޓުވުމަށް އަންގާފައިނުވާނެ ކަމަށް،" އުޖައިލް ވިދާޅުވިއެވެ.

އުޖައިލް ވިދާޅުވީ އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ކަންތައްތަކެއް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ނައިބާއި މިނިސްޓަރަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވާތީ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ހައްޖަށްގެންދާ އެހެން ގްރޫޕްތަކަށް މިނިސްޓްރީގެ ޕޯޓަލް މިހާރު ވަނީ ހުޅުވާލައިފައެވެ. އެހެން ނަމަވެސް މިނާ ގްރޫޕްއަށް ޕޯޓަލް ހުޅުވާނުދީގެން އުޅެނީ ކީއްވެގެންކަން ވަނީ ނޭނގިފައެވެ.