އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވެއާ ހައުސް ސޭލް އަންނަ މަހު ދޭއްގައި ފަށާ ގޮތަށް ނިންމައިފިއެވެ.

އާންމުގޮތެއްގައި ވެއާ ހައުސް ސޭލްގައި ސްޓޮކްގައި ގިނަވެފައި ހުންނަ މުދާ ސޭލް އަޅުވައި ހަދައެވެ. އަދި އެ ގޮތަށް ސޭލްގައި ވިއްކާ މުދާ އާންމުކޮށް ވިއްކާ އަގަށްވުރެ ވަރަށް ބޮޑުތަން އަގުހެވެވެ.

އެސްޓީއޯއިން ބުނީ މި އަހަރުގެ ސޭލްގައިވެސް ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ ސޭލް މި އަހަރުވެސް ކުރިޔަށްދާނީ އަމީނީމަގު އެސްޓީއޯ ސުޕަރމާޓް ގުދަން (7ނަންބަރ ކޮށި) ގައި ކަަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެ ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއަކު 20:00 އިން 23:00 އަށެވެ. އަދި ސޭލްގެ ފަހު ދެދުވަހު (ހުކުރު، ހޮނިހިރި)ގައި ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

މި އަހަރުގެ ސޭލްގައި އިލެކްޓުރޯނިކް އައިޓަމްތައް އެހެނިހެން ސާމާނު ވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެކަމަށްވެސް އެސްޓީއޯއިން ބުންޏެވެ. އޭގެ ތެރޭގައި ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަރމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނު އަދި ބަދިގެއަށް ބޭނުން ވާ ތަކެތިވެސް ހިމެެނެއެވެ.

އެސްޓީއޯއިން ބުނީ އެ ވެއާހައުސް ސޭލް ކުރިއަށްދާއިރު އެ ސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ދޫކޮށް ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާކަމަށެވެ.