26 Oct 2011, 17:31
މ. އެންދެރިމާގޭ ކުރިމަތީގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ލަކުޑި ބުރިއަކުން ބޮލުގައި ޖެހި ޒަހަމްވި ކުއްޖާ އަށް އިންސާފު ހޯދައިދިނުމަށް އެދި އެމްޑީޕީގެ ގައުމީ މަޖިލިހުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.
ގައުމީ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވި 64 މެމްބަރުންގެ އިއްތިފާގުން ފާސްކުރި މިގަރާރު ފާސްވުމާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ގަރާރު ފާސްވުމާ ގުޅިގެން އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަންޖެހިއްޖެ ނަމަ މުޒާހަރާ ކުރާނެ ވަގުތާއި ގަޑި މެމްބަރުންނަށް އަންގަވާނެ ކަމަށެވެ.
މިގަރާރު މިއަދު ގައުމީ މަޖިލިހަށް ހުށައަޅުއްވަމުން ތިނަދޫ ދާއިރާގެ، ރައްޔިތުންގެ މަޖިލިސް މެމްބަރު މުހައްމަދު ގަސަމް ވިދާޅުވީ ގދ. ތިނަދޫ ސެމީ ހުސއިން ހަސަނުގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހައި އެ ޒުވާނާ ފުރާނަ އަށް ނުރައްކަވެފައިވާ ހާލަތުގައި އޮތް އިރު ކަމާ ބެހޭ އެއްވެސް ފަރާތަކުން މިކަން ކުށްވެރިކޮށްފައިނުވާ އިރު މިއަމަލް ތަހުގީގުކުރަން ޕޮލިހުން ކުރަމުންދާ މަސައްކަތަށް ޝަރުއީ ކޯޓުތަކުން ހުރަސްއަޅަމުން ގެންދާތީ ގދ. އަތޮޅުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި ވިދާޅުވީ އެ ޒުވާނާ އަށް ފަރުވާ ދިނުމަށް އެމްޑީޕީގެ އެހީތެރިކަމާ އެކު ރާއްޖެ އިން ބޭރަށް ގެންދިއުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިއަދުގެ އެ ޕާޓީގެ ގައުމީ މަޖިލިހުގައި ވާހަކަ ދެއްކި ހުރިހާ ފަރާތްތަކުން ވަނީ ޒުވާނާއަށް ހަމަލަދިނުން ވަރަށް ބޮޑަށް ކުށްވެރިކުރާކަމަށް ވިދާޅުވެ ގަރާރަށް ތާއިދުކޮށް ވާހަކަދައްކާފަ އެވެ.
ގަރާރާ މެދު ވާހަކަ ދައްކަވަމުން މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގު ވިދާޅުވީ މިވަރުގެ ބޮޑުކަމެއް ހިނަގއިގެން ދިޔަ އިރު ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން އެއްވެސް ބަހެއް މިވީހާތަނަށް ބުނެފައިނުވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.