26 Jun 2019, 09:55
ވޭތުވެ ދިޔަ ފަސް އަހަރު ދުވަހު ގާނޫނުއަސާސީ އާއި ގާނުނުތަކާ ހިލާފަށް ހިންގާފައިވާ ކަންކަމާއި ވައްކަމާއި ޖަރީމާތައް ނުބަލާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވަހީދު ވިދާޅުވީ ޖިނާއީ މައްސަލަތަކެއް ތުހުމަތު ކުރެވިފައިވާ ގިނަ ބައެއްގެ ޝަރީއަތް ކުރިއަށް ނުގޮސް ލަސްވާކަމީ އެންމެނަށްވެސް އެނގޭ ކަމެއް ކަމަށެވެ.
ތުުހުމަތު ކުރެވިފައިވާ ވައްކަމާއި މަނީ ލޯންޑްރިންގްގެ މައްސަލަތައް ނުބެލި ހުރިކަން ވަހީދު ފާހަގަ ކުރެއްވި އެވެ.
"ރައީސް ޔާމީންގެ ދައުރުގައި ހިނގާދިޔަ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފު އެތައް ކަމެއްގެ އިތުރުން. ރިކޯޑު މިންވަރަކަށް ދައުލަތުން ކުރި ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ އިތުރުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ގަޑުބަޑުކޮށް ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް ފުރާޅުން ޓިނު ނަގައި އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް ހިނގާދިޔަ ކަންތައްތަކުގެ ޖަވާބު އެނގުން އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެއް." މެމްބަރު ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގާދިޔަ ކަންކަން ނުބަލައި ތަހުގީގުތަކާއި ޝަރީއަތްތައް ނުހިނގައި ކަމީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ގެންދަނީ އެމައްސަލާގައި ބަހުސް ކުރަމުން އެވެ.