26 Jun 2019, 09:40
ފިލައިގެން އުޅެމުން ދިޔަ، ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ އަމިއްލައަށް ހަވާލުވި ވަގުތުން ފެށިގެން އެކަން ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އިސްކޮށްހުރި ލުތުފީ މީގެ ދެމަހެއް ހާދުވަސް ކުރިން އެމްބަސީއާ ހަވާލުވުމަށްފަހު އެތާގައި ދިރިއުޅެމުން އަނާތީ އެކަން ސިއްރުކޮށް، އެކަން ހާމަކުރުން ލަސްކުރީތީ ވަރަށް ގިނަ ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
އެކަން އޮޅުން ފިލުވައި ދެމުން، ފޮރިން މިނިސްޓްރީން މިއަދުނެރުނު ނޫސްބަޔާނުގައި ބުނީ، ލުތުފީ އެމްބަސީއާ ހަވާލުވި ދުވަހުން ފެށިގެން އެކަން ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށްވެސް ގެނައި ކަމަށެވެ. އަދި އެ ހިނދުން ފެށިގެން ޤާނޫނީ އިމުގެ ތެރެއިން އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށި ކަމަށް ވެސް ބަޔާނުގައިވެ އެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ލުތުފީ ރާއްޖެ ގެންނަން ހުރަސްތަކެއް ކުރިމަތިވެ އޭނާ ރާއްޖެ ގެނައުން ލަސްވެގެން ދިޔައީ ކަމަށް ވެސް ފޮރިން މިިނިސްޓްރީ އިން ބުންޏެވެ.
"ލުތުފީގެ މައްޗަށް އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަގުވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާޢަތްތަކެއް ހުރި. ލަންކާގައި މީނާ ދިރިއުޅެމުން ދިޔައީ ސައްހަ ވިސާއަކާ ނުލައި، ފިލައިގެންކަމުން، އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް އެގައުމުގެ ހިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ގަނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުޙަލާތަކެއް ހުރި،" ބަޔާނުގައިވެ އެވެ.
ލުތުފީ އެމްބަސީއާ ހަވާލުވި ދުވަސްވަރަކީ، ލަންކާގައި ބޮމުގެ ހަމާލާ ދިން ހާދިސާއާ އެއް ދުވަސްވަރެއް ކަމަށް ވުމުން އެއީ ވެސް އޭނާ ރާއްޖެ ގެނައުމުގައި ދިމާވި އިތުރު ހުރަހެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ގޮންޖެހުންތައް ހުރިނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެން ލުތުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައި. އަދި އެކަށައެޅިފައިވާ ބައިނަލްއަޤްވާމީ އިޖުރާޢަތްތައް ފުރިހަމަކޮށް، ސްރީލަންކާއާއި، ދިވެހިރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް،" ބަޔާނުގައިވެ އެވެ.
މެއި އެކަކުން ފެށިގެން، ލަންކާ އެމްބަސީއާ އަމިއްލައަށް ހަވާލުވެ ލުތުފީ އެތަނުގެ ތެރޭ ދިރިއުޅުން ދިޔަ ނަމަވެސް އެކަން ސަރުކާރުން ހާމަ ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ކޮމިޝަނަރި އޮފް ޕޮލިސް، މުހައްމަދު ހަމީދު ރޭ ސަންއަށް ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހެއްގެ ދުވަސް ތެރޭ ލުތުފީ އަބުރާ ގެންނާނެ އެވެ.