ތަކެތީގެ އަގުތައް މައްޗަށްދާ މިންވަރު ދެނެ ގަންނަ މިންގަނޑު ކަމަށްވާ، އިންފްލޭޝަން ރޭޓް މިދިޔަ މޭ މަހުގެ ތެރޭގައި ހުރީ 0.32 ޕަސެންޓްގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސްޓެޓިސްޓިކް ބިޔުރޯއިން އާންމުކޮށްފައިވާ އިންފްލޭޝަންގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އެޕްރީލް މަހުގެ ތެރޭގައި އިންފްލޭޝަން ރޭޓް ހުރީ 0.40 ޕަސެންޓްގަ އެވެ. އެހެން ކަމުން މަހުން މަހަށް ބަލާއިރު، މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް މި ވަނީ 0.08 ޕަސެންޓުން ދަށަށް ޖެހިލައިފަ އެވެ.

މަހުގެ އަގަށް އައި ބަދަލު ނުލައި އިންފްލޭޝަން ހިސާބު ކުރާ ނަމަ، މޭ މަހުގެ އިންފްލޭޝަން ރޭޓަކީ 0.27 ޕަސެންޓެވެ. އޭގެ ކުރިން އެޕްރީލް މަހުގެ އެ އަދަދު ހުރީ، 0.62 ޕަސެންޓްގަ އެވެ.

ސްޓެޓިސްޓިކްސް ބިޔުރޯގެ ހިސާބުތަކަށް ބަލާއިރު، އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތެލާއި ލުބްރިކަންޓްގެ ބައިން 4.59 ޕަސެންޓް އަދި ކިރު، ޗީޒް ބިހުން 6.24 ޕަސެންޓް ވަނީ މައްޗަށް ޖެހިފަ އެވެ. މީގެ އިތުރުން މަހުގެ ބައިން 0.81 ޕަސެންޓް އަދި ކަރާސީނު ތެލުގެ ބައިން 0.33 ޕަސެންޓް، ގޯތިގެދޮރުގައި ބޭނުންކުރާ އެހެނިހެން އާލާތްތަކުގެ ބައިން 4.44 ޕަސެންޓް، މަތީ ތައުލީމުގެ ފީގެ ބައިން 3.93 ޕަސެންޓް، ގޭގެ ކުލީގެ ބައިން 0.15 ޕަސެންޓް އަދި ކަނޑު ދަތުރުތަކުގެ ބައިން 0.60 ޕަސެންޓް ވަނީ އަގުތައް މައްޗަށް ޖެހިފަ އެވެ.

މޭމަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ދާއިރާތަކަކީ، ސިއްހީ ފަރުވާއަށް ބޭނުންވާ ތަހުލީލުތައް ހެދުމުގެ ބައިން 2.31 ޕަސެންޓް، ނަންބަރު އައިނާއި ލެންސް ފަދަ ހިދުމަތްތަކުގެ ބައިން 1.16 ޕަސެންޓް، މޭވާގެ ބައިން 0.97 ޕަސެންޓް، ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ބައިން 1.17 ޕަސެންޓް، ތަރުކާރީގެ ބައިން 0.15 ޕަސެންޓް އަދި ބޫޓާއި ފައިވާނުގެ ބައިން 0.49 ޕަސެންޓެވެ.

މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މިއަހަރުގެ މޭ މަހާ ހަމަޔަށް އަހަރު ދުވަހުގެ އިންފްލޭޝަން ވަނީ، 1.54 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި 2018 ގެ އޭޕްރީލްއިން 2019 ގެ އޭޕްރީލްއަށް ބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 0.87 ޕަސެންޓް އިން ދަށަށް ގޮސްފަ އެވެ.