26 Jun 2019, 08:24
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން 2019 ވަަނަ އަހަރާއި ހަމައަށް އެކި މައްސަލަތަކުގައި ފުލުހުން ހޯދާފައި ހުރި ޑްރަގްސް މިއަދު ނައްތާލަން ނިންމައި ބަލާލުމަށް އާންމުންނަށް ދައުވަތު ދީފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 3165 މައްސަލައަކުން ފުލުހުން ހޯދާފައި ހުރި ޑްރަގްސްތައް މިއަދު ނައްތާލަން ނިންމާފައިވާ ކަމަށެވެ.
އެއީ 2014 ޖެނުއަރީއިން ފެށިގެން 2019 ޖޫންއާ ހަމައަށް އެކި މައްސަލަ ތަކުގައި ފުލުހުން އަތުލައިގެން ޑްރަގްސް ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ. އަދި އާންމުންނަށް ބަލާލަން ދިއުމަށް ދައުވަތު ދީ ސީޕީ އެދިލެއްވީ އައިޑީ ކާޑު ނަމްބަރާއި ގުޅޭނެ ނަމްބަރެއް ޓްވިޓާ މެސެޖަކުން ފޮނުވާލުމަށެވެ.
ޑްރަގްސް ނައްތާލުމުގެ މަސައްކަތް ފުލުހުން އަބަދުވެސް ކުރިއަށް ގެންދަނީ ދޫނިދޫގަ އެވެ.
މީގެކުރިންވެސް އެކި ދުވަސް މަތިން ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލާފަ އެވެ.