26 Oct 2011, 17:20
އަހަރެއްހާ ދުވަހުގެ މަސައްކަތުން ހެދި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާ އައު ލޯގޯ އާއި ސުލޯގަންއަކީ "ކޮޕީއެއް" ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކުރަން ފަށައިފި އެވެ.
"ސަނީ ސައިޑް އޮފް ލައިފް" އަކީ ޔޫރަޕުގެ މާކެޓަށް އެކަނި ހާއްސަކޮށްގެން ވަރަށް ކުރިން ފަރުމާކޮށްފައިވާ ލޯގޯއެއް ކަމަށް ބުނެ އިނގިރޭސި ވިލާތުގެ "ކުއޯ" ކުންފުންޏާ ހަވާލުކޮށްގެން އަލަށް ހެދި "އޯލްވޭސް ނެޗްރަލް" ލޯގޯ އާންމު ކުރުމާ އެކު މަޝްހޫރު ސޯޝަލް ނެޓްވޯކުތަކުގައި ފަންނުވެރިން ބުނަން ފަށާފައި ވަނީ އެއީ ކޮޕީއެއް އަދި "ފެންވަރު ދަށް ލޯގޯ"އެއް ކަމަށެވެ.
ނުލާއި ފެހި ކުލައިން ހުރި މަސްމަހާމެހި ފެންނަ ގޮތަށް ބިސްބުރެއްގެ ބައްޓަމަށް ފަރުމާކޮށްފައި ހުރި އެ ލޯގޯ އަކީ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރާ ޖަމިއްއްޔާ، އޯޝަން ކޮންސަވެންސީގެ ލޯގޯގެ ކޮޕީއެއް ކަމަށް ބުނެ ބައެއް ފަންނުވެރިން ދެ ލޯގޯ އަޅާ ކިޔާފައި ހުރި ފޮޓޯތައް ފޭސްބުކްގައި ވެސް ޕޯސްޓްކޮށްފައި ހުއްޓެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ރާއްޖޭގެ އައު ލޯގޯގައި ބިސް ބުރަށް އަތުރާފައި ހުރި މަސްމަހާ މެއްސަކީ އެ ޖަމްއިއްޔާގެ ލޯގޯގައި ވެސް ހުރި ތަކެއްޗެވެ. ތަފާތަކީ މެދު ހުސްކޮށް ވައްބުރެއްގެ ބައްޓަމަށް އެ ޖަމްއިއްޔާގެ ލޯގޯ ފަރުމާކޮށްފައި ހުރުމެވެ. ކުލަ ވެސް އެއްގޮތެވެ. އެގޮތުން އެ ޖަމްއިއްޔާގެ ލޯގޯގައި ބޭނުންކޮށްފައި ހުރި ނޫކުލަ ވެސް ރާއްޖޭގެ ލޯގޯ އާއި އެއްގޮތެވެ.
ޓޫރިޒަމް ޕްރޮމޯޓް ކުރާ ކުންފުނި ސްކުއިޑް މީޑިއާގެ ޖެނެރަލް މެނޭޖާ ޝަފްރާޒް ހާފިޒް އޭނާގެ ބުލޮގުގައި ޕޯސްޓް ކޮށްފައިވާ ގޮތުން އެ ލޯގޯގައި ބޭނުންކޮށްފައިވާ އެ ވައްތަރުގެ އެ ބައްޓަމަށް ހުރި މަސްތަކުގެ ފޮޓޯތަކަކީ ފޮޓޯ ވިއްކާ ޝަޓާ ސްޓޮކްގައި ލިބެންހުންނަ އެއްޗިއްސެވެ. އެ ވެބް ސައިޓުގެ ސަބްސްކުރިޕްޝަން އަކީ ގާތްގަޑަކަށް މަހަކަށް 30 ޑޮލަރެވެ.
އަދި ބައެއް ބަޔޯޑައިވާސިޓީއާ ގުޅުން ހުރި ޖަމްއިއްޔާތަކާއި ކެމްޕޭންތަކުގައި ވެސް އެ ފާޑުގެ ލޯގޯތައް ފެންނަ ކަމަށް ވެސް އެ ޕޯސްޓްތަކުގައިބުނެ އެވެ. އޭގެ ބައެއް މިސާލުތައް ވެސް އެމީހުން ޕޯސްޓްކޮށްފައި ހުއްޓެވެ.
އެމީހުން ބުނާ ގޮތުން "އޯލް ވޭސް ނެޗްރަލް" އަކީ ހާބަލް މެޑިސިން ނޫނީ ފަތްޕިލާވެލީގެ ބޭސް އުފައްދާ ކުންފުންޏަކަށް ކިޔާ ނަމެކެވެ. ގޫގުލް ސާޗްކޮށްލުމުން ވެސް އެންމެ ފުރަތަމަ ވެސް ފެންނަނީ އެ ކުންފުނީގެ ރަސްމީ ވެބްސައިޓެވެ.
"މިހެން ވުމުން އަހަރުމެންނަކަށް ނޭނގޭ މި މީހުން ދައުވާނުކުރާނެ ކަމެއް،" ޑިޒައިނަރަކު ޓުވީޓުކޮށްފައިވެ އެވެ.
ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި މަސްއޫލިއްޔަތު އުފުލާ، އަދި ލޯގޯގެ މަސައްކަތް ކޯޑިނޭޓު ކުރި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ (އެމްއެމްޕީއާރްސީ)ގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވީ ކޮންސަލްޓެންސީ އާ އެކު އެއްލައްކަ ޑޮލަރު (ގާތްގަނޑަކަށް ދޮޅު މިލިއަނެއްހާ ރުފިޔާ) ހަރަދުކުރި އެ ލޯގޯއަކީ ގިނަ ބަޔަކާ މަޝްވަރާކޮށް ދިރާސާތަކެއްގެ މައްޗަށް ބިނާކޮށްގެން ހެދި އެތައް ލޯގޯއެއްގެ ތެރެއިން ލޯގޯއެއް ކަމަށާއި އެ ލޯގޯ ވައްތަރު ވުމަކީ "އިއްތިފާގެއް" ކަމަށެވެ.
"މިއީ ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތެއް. ކުރީގެ ލޯގޯ ވެސް ސްޕެއިންގެ ކުރީގެ ލޯގޯއާ ވެސް ވައްތަރުގޮތެއް ހުރޭ. އެހެންވެ ވީމާ ވައްތަރުނުވާނެ އެކޭ ނުބުނެވޭނެ. ހަމަ ވައްތަރުގޮތެއް ހުރެދާނެ. އެއީ ކޮޕީއެއް ނޫން. އިއްތިފާގެއް،" ތޮއްޔިބު ވިދާޅުވި އެވެ.
އެ ލޯގޯއާ މެދު ޓެކްނިކަލީ ކޮމެންޓް ކުރައްވަމުން ޝަފްރާޒް ވިދާޅުވީ އެ ލޯގޯ އާއި ރާއްޖޭގެ ޓޫރިޒަމާއި ގުޅުމެއް ނެތްކަމަށާއި އެ ލޯގޯ ފަރުމާކުރީ މުޅި ރާއްޖެ އެކައްޗަކުން ދައްކުވައިދިނުމަށް ކަމަށްބެލެވޭ ކަމަށެވެ.
"މިސާލަކަށް ބަޔަކު ގެންގުޅެނީ ކޮންސްޓްރަކްޝަން ކުންފުންޏެއް، މަސްކުންފުންޏެއް ޓޫނާ ފެކްޓްރީއެއް. އެމީހާ ގެންގުޅެނީ ރިސޯޓެއް. އެ ތިން ކުންފުންޏަށް އެއް ލޯގޯއެއް ހަދާށޭ ބުނެފިއްޔާ ވަރަށް އުނދަގޫވާނެ. ރާއްޖޭގެ ހުރިހާ ކަމަކަށް އެއް ލޯގޯއެއް ހެދީމާ ހުންނާނީ މިކަހަލަ މަސްހުނި ގޮތަކަށް ކަންނޭނގެ،" އަނަންތަރަ އާއި އޮނަކްސް ގުރޫޕުގެ ލޯގޯ އާއި ބުރޭންޑް ފަރުމާކުރި ކުއޯގެ ލޯގޯއަށް ފާޑު ކިޔަމުން ޝަފުރާޒު ވިދާޅުވި އެވެ. "ގްރީން އާ ބުލޫ އަކީ ވަރަށް ވާމް ކުލަތަކެއް. ރާއްޖޭގެ ޓްރޮޕިކަލް ޑެސްޓިނޭޝަން އަކަށް އެއްގޮތަކަށް ވެސް ކަމުދާނެ ކުލަތަކެއް ނޫން. އަޅުގަނޑުމެން މިހެން މި ބުނަނީ އެހެން ޓްރޮޕިކަލް ޑެސްޓިނޭޝަންތަކަށް ބަލާފައި،"
މަޝްހޫރު ޑިޒައިނާ ޝާފިއު ހުސެއިން އޭނާގެ އޮފިޝަލް ފޭސްބުކް ސްޓޭޓަސްގައި ލިޔެފައިވަނީ " ފޮންޓެއް ނުގުޅޭ. ކުލަތައް ވެސް ކަމަކު ނުދޭ. އެންމެ މުހިންމު ސަބަބަކީ ޓޫރިސްޓުން ރާއްޖެ އަންނަނީ އިރާއި (އިރުގެ ހޫނުކަން ލިބި) ހަމަޖެހިލުމަށް. މީގެން އެ މިހިރީ މުޅިން އުނިވެފައި. މި ހީވަނީ ކޮރަލްޑުރޯ އިނގޭ މީހަކު ހަދާފައިވާ އެއްޗެއް ހެން،" ކަމަށެވެ.
ފަންނުވެރިންގެ ހިޔާލުތައް ލޯގޯއާ ދެކޮޅަށް ހުއްޓަސް ކެބިނެޓުގެ ވެސް ނިންމުމަށް އެ ލޯގޯ ލޯންޗް ކުރާނީ ރައީސް މުހަންމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ހަފްލާއެއްގަ އެވެ. އަދި އަންނަ ޖެނުއަރީން ފެށިގެން އެ ލޯގޯ ބޭނުން ކުރުމަށް ވަނީ ނިންމާފަ އެވެ.