26 Jun 2019, 00:12
ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7،000 ސޯޝަލް ހައުސިން ޔުނިޓްތަކުން މަހަކު ކުލީގެ ގޮތުގައި 7000 ރުފިޔާ ނެގިޔަސް އެ މަޝްރޫއު ހިންގާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިދާވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓަށް އިތުރަށް 42 މިލިއަން ޑޮލަރު (647.6 މިލިއަން ރުފިޔާ) ހަރަދު ކުރަން ޖެހި، ފްލެޓެއްގެ މަހު ކުލި 11،000 ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭކަމަށް އެޗްޑީސީން މިއަދު ވަނީ ބުނެފައެވެ.
މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ 5600 ރުފިޔާކަމަށް އެ މަޝްރޫހް އިފްތިތާހުކޮށްދެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަނޑައަޅުއްވައި ނިންމަވާފައިވެސް ވާ ކަމަށެވެ.
" ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ އަށް އެކަން ވަނީ އޭރު އަންގަވައިގައި. އެންމެ ގިނަވެގެން 7000 ރުފިޔާގެ ކުއްޔަކުންވެސް 15 އަހަރު ތެރޭ އެޗްޑީސީއަށް ފައިދާވާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ހިޔާ މަޝްރޫއުގެ ހުރިހާ ހަރަދުތަކާ ގުޅޭ ތަފާސް ހިސާބުތައްވެސް އާންމުކުރައްވައިފައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ކޮންމެ ފުލެޓެއް ހަދަންދާ ޖުމްލަ އަގާއި އިންޓަރެސްޓާ އެކު ފްލެޓެއްގެ ޖުމްލަ އަގު 82،000 ޑޮލަރު (1.3 މިލިއަން ރުފިޔާ) އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އެ އަދަދު 20 އަހަރަށް ބަހާލުމުން ކޮންމެ މަހަކަަށް ހައުސިން ޔުނިޓަކަށް ޖެހޭނީ 11،000 ރުފިޔާ ކަމަށް ވެސް ސުހައިލް ވިދަޅުވި އެވެ.
ނަމަވެސް ފްލެޓްތައް ވިއްކާނެ ރަސްމީ އަގު އަދި ކަނޑަނާޅާކަމަށް އޭނާ ވިދާޅުވިއެވެ.