ދިވެހި ސިނަމާއަށް ދެން އެންމެ އަވަހަށް އަންނާނެ ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ "މާމުއި"އެވެ. ވަރުގަދަ ކާސްޓުންތަކަކާ އެކީ ވަރުގަދަ ފިލްމެއް ތައްޔާރުކުރިއިރު ފިލްމު ޕްރޮމޯޓްކުރުމަށް ހެއްވާ މަޖާ ވީޑިއޯތައް ދަނީ އެ ޓީމުން އާންމު ކުރަމުންނެވެ. ފިލްމު ޕްރޮމޯޓްކުރަނީވެސް "ހޭޝްޓޭގް މާމުއި ބޯނީ އެކެއް ޖުލައިގައި ދޯ؟" މި ނަމުންނެވެ.

މި ފަހަރުވެސް މިއޮތީ ވަރަށް ތަފާތު ވީޑިއޯކޮޅެކެވެ. "ލޯބި އިއްސެ އެއް ނޫން، ރީތި އިއްސެ،" އަހްމަދު ސުނީ އާއި ހަމްދާން ފާރޫގުގެ މަޖާ ބަސްކޮޅެކެވެ.

ގޭ ދޮރުގައި ބެލް ޖަހާލި އަޑަށް ދޮރު ހުޅުވާލީ ހަމްދާން އެވެ. ފިލްމުގެ ނަމުންނަމަ ރޯޒީ އެވެ. ޖީނޫ އެއް ހޯދާ ވާހަކަ ވީޑިއޯގައި ދައްކަ އެވެ. ޖީނޫ އަކީ ކާކުކަން އަދި އޭނާ ކުޅޭނީ ކޮންކަހަލަ ރޯލެއްކަން އެނގޭނީ ފިލްމު ބަލާލުމުންނެވެ. އާންމުކުރި ވީޑިއޯގެ ތަންކޮޅަކުން ލެޖެންޑް އަމީތާބް އާ ބެހޭ ކުޑަ ވާހަކަކޮޅެއް ވެސް ދެ ތަރިން ދައްކާލަ އެވެ.

އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ "ހީ ހީ ވަރުބަލި" ވާނެ ފިލްމެއްކަން ޔަގީނެވެ. ފިލްމުގެ ކެރެކްޓާތަކުންވެސް އެކަން ޔަގީންކޮށްދެއެވެ.

ފިލްމު އިއުލާންކުރި ހިސާބުން ފެށިގެންވެސް ފިލްމުގެ ހާއްސަ ވާހަކަ ޕްރޮޑިއުސަރު މުހައްމަދު އަލީ(މޮގާ) އާއި އޭނާގެ ޓީމުން އަންނަނީ ދައްކަމުންނެވެ. ފިލްމުގެ މަޖާ ވާހަކަ ދައްކަމުންނެވެ.

މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު އަޅުވަން ދެން އޮތީ އެންމެ ހަތަރު ދުވަހެވެ. ޓިކެޓް ނުނަގާ ބެލުންރެރިން އަވަހަށް އޮލިމްޕަހަށް ގޮސް ޓިކެޓް ނަގާށެވެ.

މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާވެސް މި ފިލްމުން ހިމެނޭނެ އެވެ. "މާމުއި"ގެ އޮންލައިން މީޑީއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.