25 Jun 2019, 23:31
ރ. މަޑުއްވަރީއަށް ދިމާވެފައިވާ ބަނދަރުގެ މައްސަލަ ހައްލުކޮށްދިނުމަށް އެރަށު ކައުންސިލްގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.
ރައީސް ސޯލިހް މިއަދު ވަނީ މަޑުއްވަރީ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައިފައެވެ. ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސްއާ ވަނީ ހިއްސާކޮށްފައެވެ.
އެ ބައްދަލުވުމާ ބެހޭގޮތުން "ސަން" އަށްް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ކައުންސިލް މެމްބަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އެރަށުގެ ބަނދަރުގެ މައްސަލައަކީ މީގެ 15 އަހަރު ކުރިއްސުރެވެސް ކުރަމުން އަންނަ ޝަކުވާ އެއް ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ކެމްޕޭންގައިވެސް ރައީސް ވަޑައިގަތީމަ އަޅުގަނޑުމެން ދެންނެވިން. ރައީސް ވައުދުވެލެއްވި އެކަން ކޮއްދެއްވާނެކަމަށް. މިއަހަރުގެ ބަޖެޓުގައިވެސް އެގޮތަށް އެބައޮތް. ދެން އަޅުގަނޑުމެން އިއްޔެ ޕްލޭނިން މިނިސްޓަރު އަސްލަމާ ވެސް ބައްދަލުކުރިން. ވިދާޅުވި އަންނަ މަހު އެކަން ބީލަމަށް ހުޅުވާލާނެ ވާހަކަ،" އަބްދުﷲ ވިދާޅުވިއެވެ.
ކައުންސިލަރުން ރައީސްއަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ބަނދަރު ބޮޑުކުރުމާއި، ސްކޫލަށް ޖާގަ އިތުރުކުރުމާއި، ބިމުގެ ދަތިކަން ޙައްލުކުރުމާއި، ރަށުގައި އައިސް ޕްލާންޓެއް ގާއިމުކުރުމާއި، ސިއްހީ މަރުކަޒަށް އާ އިމާރާތެއް އެޅުމާއި، ސޯޝަލް ސެންޓަރެއް ގާއިމުކުރުންވެސް ހިމެނެއެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ކައުންސިލަރުން ހުށަހެޅުއްވި ކަންކަމަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.