ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ދިއުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތަށް 10 ދުވަސް އިތުރުކޮށްދީފިއެވެ.

ގޭބަންދުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މެޑިކަލް ބޯޑުން ލަފާ ދިނުމުން ކަރެކްޝަނަލް ސާވިސްއިން އެކަމަށް ހުއްދަ ދޭން ނިންމީ ޖޫން 11 ވަނަ ދުވަހުއެވެ.

އިންޑިއާއަށް އަދީބު ވަޑައިގަތީ ޖޫން 14 ވަނަ ދުވަހުއެވެ. އަދި އޭނާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މާދަމާއެވެ.

އެހެން ނަމަވެސް ކަރެކްޝަންސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަދީބު ބޭސް ފަރުވާއަށް ދިން މުއްދަތުގައި ބޭސްފަރުވާގެ ހުރިހާ ކަމެއް ފުރިހަމަ ކުރެވިފައި ނުވާކަމަށެވެ. ކަރެކްޝަންސްއިން ބުނީ، ކެންސަރު ސްކްރީނިންގްއެއް ހެދުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި، އެކަން ކުރުމަށް މުއްދަތު އިތުރުކުރުމަށް މިއަދު އަދީބުގެ އާއިލާއިން އެދިފައިވާ ކަމަށެވެ.

އެހެންކަމުން ބޭސްފަރުވާގެ ބޭނުމަށް ވަގުތީ ގޮތުން އަދީބު ޖަލުން ދޫކޮށްފައިވާ މުއްދަތު ޖުލައި ހަވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައިވެއެވެ. މިއީ އިތުރު 10 ދުވަހެވެ.

އަދީބު ބޭހަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހޯމް މިނިސްޓަރުގެ އިތުރުން ފުލުހުންނާއި އިމިގްރޭޝަން އަދި ކަރެކްޝަންސްގެ އިސްވެރިން ހާޒިރުކުރިއެވެ.

އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އަދީބު ބޭހަށް ފޮނުވާލަން ނިންމީ ރާއްޖެ އިން ބޭސްފަރުވާ ކުރެވެން ނެތިގެން ކަމަށެވެ. ބޭރުގެ ޑޮކްޓަރަކު ގެނެސްގެން ފަރުވާ ދޭން މަސައްކަތް ކުރި ކަމަށާއި އެކަމަކު އެ ޑޮކްޓަރުގެ ވެސް ލަފައަކަށް ވީ ބޭރުން ފަރުވާ ދިނުން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އަދީބު ރާއްޖެއިން ބޭރަށް ބޭހަށް ވަޑައިގަތުމުގެ އޮޕަރޭޝަނުގައި ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު ގިންތީގެ ބޭފުޅަކާއި، ފުލުހުންގެ ތިން އޮފިސަރަކާއި ކަރެކްޝަންސްގެ ތިން އޮފިސަރުން ހިމެނޭ ގޮތަށް، ހަތް މެމްބަރުންގެ ޓީމެއްވެސް ދަނީ ބައިވެރިވަމުންނެވެ.

ކުރީގެ ނައިބު ރައީސް އިންޑިއާއަށް ވަޑައިގަތީ އިމިގްރޭޝަނުން ދިން ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

އިއްޔެ ސުޕްރީމް ކޯޓުން ވަނީ އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނުގެ މައްޗަށް ވަގުތީ އަމުރެއްވެސް ނެރެފައެވެ. އެއީ ރިސޯޓު ހެދުމަށްޓަކައި ޅ. މާބިންހުރާގެ ކުލީގެ ގޮތުގައި ކުރެއްދޫ ހޯލްޑިންގްސްއިން އެމްއެމްޕީއާރުސީއަށް ދިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރި މައްސަލަ، ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވާތީއެވެ.