ލަންޑަން (ޖޫން 25) : ފަލަސްތިނުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވާފައިވާ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއުގެ ދަށުން ބަހްރައިންގައި ބާއްވާ އިގްތިސާދީ މަހާސިންތާއިން އެމެރިކާ ހާސިލް ކުރަންބޭނުންވާ މަގްސަދަކީ ފަލަސްތީނުގެ ހައްގުތައް ނުދީ ގަލްފުގެ އަރަބި ގައުމުތަކާ ގުޅުންތައް ގާއިމްކުރުމުގެ ފުރްސަތު އިސްރާއީލަށް ފަހިކޮށްދިނުން ކަމަށް އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

އިނގިރޭސި ބައެއް ނޫސްތައް ބުނާގޮތުން ފަލަސްތީނަށް އިގްތިސާދީ އެހީދޭން ކަމަށްބުނެ "ޑީލް އޮފް ދަ ސެންޗަރީ"ގެ ދަށުން ބަހްރައިންގައި އިގްތިސާދީ ބާއްވާ މަހާސިންތާގެ ހަގީގީ ބޭނުމަކީ ގަލްފުގެ އަރަބި ގައުމުތަކުގެ މަސްއޫލުވެރިންނާއި އިސްރާއީލުގެ މަސްއޫލުވެރިން އަރަބި ގައުމެއްގައި ބައްދަލުކުރައްވާތަން އަރަބިންނަށާއި ދުނިޔެއަށް ދައްކައިގެން އަރަބިގައުމުތަކުން ޒަމާނުއްސުރެ އިސްރާއީލު އެކަހެރިކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުން ކަމުގައެވެ.

ބަހްރައިންގެ މަހާސިންތާއާ ދެކޮޅަށް ފަލަސްތީނު މީހަކު އިހްތިޖާޖް ކުރަނީ

އަރަބި ސަމިޓްތަކުން ނިންމާފައި ވަނީ އިސްރާއީލު ފަލަސްތީނުގެ ބިންތަކުން ފާބައި ފަލަސްތީނުގެ މިނިވަންދައުލަތް އުފެއްދުމުގެ ފުރްސަތު ދީ ފަލަސްތީނުގެ ރެފިއުޖީން އެނބުރި ގައުމަށް ރުޖޫއަވުމުގެ ފުރްސަތު ދިނުމުން ނޫނީ އިސްރާއީލާއެކު އެއްވެސް ގުޅުމެއް ގާއިމް ނުކުރުމަށެވެ. ނަމަވެސް އެމެރިކާ މިމަގްސަދު މިހާރު ހާސިލް ކުރަމުން މިގެންދަނީ އިސްރާއީލު ފަލަސްތީނުގެ އެއްވެސް ބިމަކުން ނުފާބައި ފަލަސްތީނުގެ އެއްވެސް ހައްގެއް ނުދީކަމަށް އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ މިޑްލްއީސްޓް އައި ބުނެއެވެ.

އެނޫހުގައި ކޮލަމް ލިޔުއްވާ ލިޔުންތެރިއެއް ކަމަށްވާ މޭގަން އޮޓޯލީ ވިދާޅުވެފައިވަނީ އެމެރިކާ އިސްވެ އޮވެގެން ބަހްރައިންގައި ބާއްވާ އިގްތިސާދީ މަހާސިންތާގެ ބޭނުމަކީ ފަލަސްތީނުގެ ސިޔާސީ ހައްގުތައް ނުދިނުމުގެ އިތުރުން ފަލަސްތީނަށް އިގްތިސާދީ އެހީތައްވެސް ދިނުން ނޫންކަމަށާ އޮޅުވާލުންބޮޑު މަހާސިންތާގެ ބޭނުމަކީ އަރަބިންނާއި އިސްރާއީލުގެ މަސްއޫލުވެރިން އެއްތަން ކުރުވައިގެން ފަލަސްތީނު މައްސަލަ ނިކަމެތިކޮށް ހަލާކުކޮށްލުން ކަމުގައެވެ.

ބަހްރައިންގައި އެމެރިކާ ބާއްވާ މަހާސިންތާއަށް އިޝާރާތް ކުރައްވައި ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު އިޝްތިޔާ ވިދާޅުވީ ފަލަސްތީނު ރައްޔިތުން ބޭނުންވަނީ ސަދަގާތެއް ނޫންކަމަށާ ފަލަސްތީނުން ބޭނުންވަނީ އިސްރާއީލު ނިގުޅައިގެންފައިވާ ފަލަސްތީނުގެ ހައްގުތަކާއި އިސްރާއީލު އިސްތިއްމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތައް ކަމުގައެވެ.

"ޑީލް އޮފް ދަ ސެންޗަރީ"ގައި ހިމެނޭ އިގްތިސާދީ ޕްލޭނާ ބެހޭ ގޮތުން ބާއްވާ މަހާސިންތާ މިއަދު ބަހްރައިންގެ ވެރިރަށް މަނާމާގައި ފަށާއިރު ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރާ އަރަބި ގައުމުތަކުންވަނީ އެ މަހާސިންތާ ބޮއިކަޓްކޮށްފަ އެވެ. މީގެތެރޭގައި އިރާގު، ލުބްނާން، އަލްޖަޒާއިރު ތޫނިސްފަދަ ގައުމުތައް ހިމެނެއެވެ. އެ މަހާސިންތާގައި ބައިވެރިވަނީ އެމެރިކާއަށް ބަރޯސާވާ ގަލްފުގެ އަރަބި ގައުމުތަކުގެ އިތުރުން މިސްރާއި އުރުދުން އަދި މަޣްރިބްއެވެ.

މިސްރާއީ އުރުދުން އަކީ އިސްރާއީލާއެކު ފާޅުގައި ގުޅުންތައް ގާއިމްކޮށްފައިވާ ދެގައުމެވެ. ފަލަސްތީނުގެ ލީޑަރުންވަނީ އެމަހާސިންތާއިން ނިންމާ އެއްވެސްކަމެއް ފަލަސްތީނުގައި ތަންފީޒު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ވަނީ އެ މަހާސިންތާއަކީ ޚިޔާނާތެއް ކަމަށް ސިފަކޮށް އެއާ ދެކޮޅަށް މުޒަހަރާކޮށް އަރަބި ބައެއް ލީޑަރުންނާއި އިސްރާއީލާއި އެމެރިކާގެ ވެރިންގެ ފޮޓޯތައް އަންދައި ހަދާފައެވެ.(އިނގިރޭސި މީޑިއާ)