ކްރިމިނަލް ކޯޓުން ފަސް ދުވަހަށް ބަންދުގެ މުއްދަތު ޖަހައިދީފައިވާ ބަޔަކު، ފުލުހުން ދޫކޮށްލި މައްސަލައިގައި ފުލުހުން ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރު އިސްތިއުނާފުކުރަން ނިންމައި ފުލުހުން ކްރިމިނަލް ކޯޓަށް ހާޒިރެއް ނުވި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ އަމުރު އިސްތިއުނާފް ކުރާނެ ކަމަށްބުނެ ފުލުހުން މިއަދު އެ ކޯޓަށް ސިޓީއެއް ފޮނުވުމަށް ފަހު ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި ބުނީ ކޯޓުން ބަންދުކުރާ މީހުން ދޫކުރަންވާނީ ކޯޓުންކަމަށް ބުނެފައިވާ އެއްވެސް ގާނޫނެއް ނެތްކަމަށް ފުލުހުން މިއަދު ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން އެކި މައްސަލަތަކުގައި ބަންދުކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު އެމީހެއްގެ މައްސަލަ އާއި ގުޅުންހުރި ކަންތައްތަކުގެ މައްޗަށް ބަލައި، ކޯޓަށް ހާޒިރުކުރުމެއްނެތި ބަންދުން ދޫކުރުމަކީ އާންމު އުސޫލެއްގެ ގޮތުން ހިނަގަމުންދާ ކަމެއްކަމަށް ފުލުހުންގެ ސިޓީގައި އޮތް ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައ ބުނަނީ މިއަދު 11:00 އިގެ ކުރިން، އެ ކޯޓުން ފަސް ދުވަހަށް ބަންދުގެ މުއްދަތު ޖަހައިދީފައިވާ ބަޔަކު ދޫކޮށްލިކަމަށް ބުނެ އާންމުން ޝަކުވާކޮށްފައިވާތީ ކޯޓަށް ޖަވާބުދާރީވުމަށް ފުލުހުންގެ ކަމާބެހޭ ފަރާތެއް ކޯޓަށް ހާޒިރުވާން އަމުރު ކުރާ ކަމަށެވެ.

ބަޔަކު ދޫކޮށްލި މައްސަލައިގައި ބަޔަކު ދޫކޮށްލި މައްސަލަގައި އަމުރެއް ނެރެފައި އޮއްވައި ފުލުހުން މިއަދު ވަނީ ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރުން ހުއްޓާލައި ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ދަށުން އަދި ކޯޓަށް ހާޒިރު ނުކުރެވޭ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށުގައި ނުބައިތިބާ ގޮތަށް ނިންމައި ފުލުހުން ހައްޔަރުކޮށްފައިވާ 11 މީހަކު މިއަދު ދޫކޮށްލައިފި އެވެ.