26 Oct 2011, 16:41
ތޫނިސް (އޮކްޓޯބަރ 26) : ތޫނިސްގައި ބޭއްވޭ ފުރަތަމަ މިނިވަން އިންތިޚާބުގައި އެޤައުމުގެ އިސްލާމީ ޚިޔާލުގެ ނަހްޒާ ޕާޓީ ބޮޑުތަފާތަކުން ކުރިހޯދަމުން ގެންދާތީ ތޫނިސްގެ ވަގުތީ ސަރުކާރު އެކުލަވާލުމާބެހޭގޮތުން އެޕާޓީން މަޝްވަރާތައް ފަށައިފިއެވެ.
ނަހްޒާ ޕާޓީގެ އިސްވެރިއެއް ކަމަށްވާ ޢަބްދުލްޙަމީދް އަލްޖުލާސީ ވިދާޅުވިގޮތުގައި ވަގުތީ ޕާލަމެންޓް ކަމަށްވާ ތައްސީސީ މަޖިލީހުގެ 40% ގޮނޑި ނަހްޒާ ޕާޓީއަށް ލިބިފައިވާކަން މިހާތަނަށް ގުނާފައިވާ ވޯޓްތަކުން ވަނީ ހާމަވެފައެވެ. އެހެން އެއްވެސް ޕާޓީއަކަށް މިއާގާތްކުރާ މިންވަރަކަށްވެސް (މިހާތަނަށް ގުނިފައިވާ ވޯޓުތަކުން) ވަގުތީ ޕާލަމެންޓްގެ ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ތޫނިސްގެ އިލެކްޝަނާބެހޭ އިދާރާ ބުނާގޮތުން ވޯޓުގެ 96% ވަނީ ގުނައި ނިމިފައެވެ.
ނަހްޒާ ޕާޓީއަކީ އިސްލާމީ ޚިޔާލުގެ ޕާޓީއަކަށްވާތީ، މަޤާމުން ދުރުކުރެވިފައިވާ ކުރީގެ ރައީސް ޒައިނުލްއާބިދީން ބިންޢަލީގެ ވެރިކަމުގައި އެޕާޓީވަނީ ޙަރަކާތްތެރިވުން މަނާޕާޓީއަކަށް ހަދާފައެވެ. ނަހްޒާ ޕާޓީއަކީ މެދުމިނުގެ އިސްލާމީ ޚިޔާލުގެ ޕާޓީއެކެވެ. ނަމަވެސް އިސްލާމީ ޝަރީޢަތާއި އިސްލާމީވަންތަކަމާ އަދި އިސްލާމީ ޘަޤާފަތާއެއްގޮތަށް ޤައުމުގެ ކަންތައްތައް ބައްޓަން ކުރުމަށް އެޕާޓީ ގެންދަނީ ވަކާލާތު ކުރަމުންނެވެ. ނަހްޒާ ޕާޓީގެ ރައީސަކީ ރާޝިދުލްޣައްނޫޝީއެވެ. އޭނާއަކީ ތޫނިސްގެ ކުރީގެ ސަރުކާރުތަކުން އެތަށް ފަހަރެއްގެ މަތިން އަނިޔާތައް ލިބިފައިވާ ސިޔާސީ އަދި ދީނީ ޝަޚްސިއްޔަތެކެވެ.
ތޫނިސްގައި މިބޭއްވުނީވެރިކަމުގައި ހުންނަވަނިކޮށް ރައްޔިތުންގެ އުތުރިއެރުމެއްގައި ޤައުމުން ބޭރުކޮށްލެވުނުޑިކްޓޭޓަރ ޒައިނުލްއާބިދީން ބިންޢަލީގެ ވެރިކަން ނިމުމަށްފަހު އެގައުމުގައި ބޭއްވޭފުރަތަމަ އިންތިހާބެވެ. މިއީ އެޤައުމުގެ މުޅި ޙަޔާތުގައިވެސް މިނިވަން އަދި އިންސާފުވެރިގޮތެއްގައި ހުރިހާ ޕާޓީތަކަކަށްވެސް ފުރްސަތު ދީގެން ބޭއްވި ފުރަތަމަ އިންތިޚާބުވެސް މެއެވެ. އައުގާނޫނުއަސާސީ އެކުލަވައިލުމަށްޓަކައި އިންތިޚާބުކުރާ 217 ގޮނޑީގެތައްސީސީ މަޖިލީހަކީ ތޫނިސްގެ ވަގުތީ ޕާލަމެންޓެވެ.
ވަގުތީ ސަރުކާރު އެކުލަވާލުމަށް ހަމަޖެހިފައިވަނީ ތައްސީސީމަޖިލީހުގެ (ވަގުތީ ޕާލަމެންޓްގެ) އެންމެ ގިނަގޮޑި ލިބޭ ޕާޓީގެ ޒަޢާމަތުގެ ދަށުން އެޕާޓީއެވެ.މިމަޖިލީހުގެ އަޣްލަބިއްޔަތު އެއްވެސް ޕާޓީއަކަށް އަދި ނުލިބޭތީ ނަހްޒާ ޕާޓީންވަނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ވެރިކަން ކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.
ޢިލްމާނީ ވެރިކަމެއް މިހާތަނަށްއޮތް ތޫނިސްގެ ވެރިކަމަށް ރައްޔިތުންގެ އިންތިޚާބަކުން އިސްލާމީ ޚިޔާލުގެ ޕާޓީއެއް އައުމަކީ އެމެރިކާއަށާއި ޔޫރަޕަށް ސިހުން ލިބި ކަންބޮޑުވާނެ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ. ތޫނިސްއަކީ ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބާއި އުތުރި އެރުންތަކުގައި ރައްޔިތުން އެންމެ އަވަހަށް ކާމިޔާބު ހޯދި ޢަރަބި ޤައުމެވެ. (އަލްޖަޒީރާ)