25 Jun 2019, 17:45
މި ރިޔާސީ ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތައް ހިމެނޭސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާމިއަދު އާންމުކޮށްފިއެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އިއުލާނު ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ، ސަރުކާރުން މި ރިޔާސީ ދައުރުގެ ތެރޭގައި ހުށަހަޅަން ނިންމާފައި ވަނީ 201 ބިލު ކަމަށެވެ.
މިއީ، މި ދައުރުގެ ތެރޭގައި ހުށަހަޅާނެ ހަމައެކަނި ބިލުތަކެއް ނޫނެވެ. މި އެޖެންޑާ އަހަރަކު އެއްފަރު ރިިވިއު ކުރާނެއެވެ. އެހެންކަމުން، ހާލަތަށް ބޭނުމަށް ބަލައި އެޖެންޑާއަށް ބަދަލު އަންނާނެއެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި 47 ބިލެއް
ރިފްއަތު މިއަދު ވިދާޅުވީ، ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި މަޖިލީހަށް 47 ބިލެއް ވެއްދުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ.
އެ 47 ބިލުގެ ތެރެއިން މިހާރު ހުށަހެޅިފައި ވަނީ:
ގާނޫނީ ފަންނުގެ ބިލު
- ކޮމިޝަންތަކަށް ބާރު ދޭ ބިލު
- ވިސަލްބްލޯވަރުން ހިމާޔަތް ކުރާ ބިލު
- ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ސަގާފީ ތަރިކައިގެ ބިލު
އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެ 47 ބިލުގެ ތެރެއިން ސަރުކާރުން ހުށަހަޅަން އިސްކަން ދޭއްވާނެ ބައެއް ބިލުތައް ރިފްއަތު ފާހަގަކުރެއްވިއެވެ.
"އޭގެ ތެރޭގައިދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު،އެއީ ވަރަށް މުހިންމު ބިލެއް. އެއާ އެކު އެކީގައިޓެރަރިޒަމްގެ މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެސްއަޅުގަނޑުމެން ހުށަހަޅާނަން. އަދި ހަމަ އެހެންމެ، އިންކަމް ޓެކްސްގެ ބިލާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސްއިސްކަމެއް ދޭނެ ލިސްޓުގައި ހިމެނޭ. ވަކިން ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން، މި ހަފްތާގެ ތެރޭގައި އަޅުގަނޑުމެންދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްހުށަހަޅާނަން. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލު ކުރުމަށްޓަކައި ގެންނަ އިސްލާހެއް،"
ގާނޫނު އަސާސީއަށް ހަތަރު އިސްލާހެއް
މިއަދު އާންމު ކުރި ލެޖިސްލޭޓިވް އެޖެންޑާގައިވާ ގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ހަތަރު ބިލެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމައިފައެވެ.
އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ އިސްލާހުކުރުމުގެ ބިލު
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމު އިސްލާހުކުރުމުގެ ބިލު
- އެންޓި ޑިފެކްޝަން ބިލު
- މިނިވަން މުއައްސަސާތައް އިސްލާހުކުރުމުގެ ބިލު
މުހިންމު އާ ގާނޫނުތަކެއް
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އިތުރުން، މުހިންމު ގާނޫނުތަކެއް އުފެއްދުމަށް ހުށަހަޅަންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
އެގޮތުން ޝަރުއީ ދާއިރާއަށް ބަލާއިރު، ކުޑަކުދިންގެ އަދުލުގެ ގާނޫނަކާއި ހެއްކާ ބެހޭ ގާނޫނަކާއި، އިންތިގާލީ އަދާލަތުގެ ގާނޫނެއް ފާސްކުރަން ހުށަހަޅަން ވަނީ ނިންމައިފައެވެ.
އަދި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން މަދަނީ އިޖުރާއަތުގެ ގާނޫނެއް ހުށަހެޅުމަށްވެސް އެޖެންޑާގައިވެއެވެ.
އަދި ކުށްތަކާ ގުޅޭ އާ ގާނޫނުތަކަށް ބާލާއިރު، ސައިބާ ކްރައިމާ ބެހޭ ގާނޫނަކާއި، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނަކާއި، އަލިފާނުން ރައްކާތެރިވުމުގެ ގާނޫނެއް ފާސްކުރަން ހުށަހަޅަން ވަނީ ނިންމައިފައެވެ.
އިންސާނީ ހައްގުތަކާ ބެހޭ އާ ގާނޫތަކަށް ބަލާއިރު، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ގާނޫނަކާއި، ހަޅުތާލުކުރުމުގެ ހައްގުގެ ގާނޫނަކާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނެއް ހުށަހަޅަން ވެސް އެޖެންޑާގައި ހިމެނެއެވެ.
ތައުލީމުގެ ގާނޫނަކާއި، މަތީ ތައުލީމުގެ ގާނޫނެއް ހުށަހަޅަން ވެސް ވަނީ ނިންމައިފައެވެ. އަދި ފަތުރުވެރިކަމުގެ ގާނޫނަކާއި ދަނޑުވެރިކަމުގެ ގާނޫނެއް ވެސް ހުށަހަޅަން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން، މެރިޓައިމް ގާނޫނަކާއި، ޕައިރަސީގެ އަމަލުތައް ހުއްޓުވުމުގެ ގާނޫނަކާއި، ޕޯޓުތަކާ ބެހޭ ގާނޫނަކާއި، މާޗަންޓު ޝިޕިން ގާނޫނެއް ވެސް ހުށަހަޅަން ވަނީ ނިންމައިފައެވެ.