ލ. ކައްދޫގައި ބޮޑީގާޑް ޓްރޭނިންގް ހަދަމުން ދަނިކޮށް ކޯޕްރަލް އިބްރާހިމް ޝައުކަތުގެ ބޮލަށް ވަޒަނެއް އަރައި އޭނާ ނިޔާވީ ސިފައިން އޮފިސަރު، ލެފްޓިނެންޓް މުއާޒް މުހައްމަދުގެ އިހުމާލުން ކަމަށް އެކަން ތަހުގީގު ކުރި އެމްއެންޑީއެފްގެ ޓީމުން މިއަދު ބުނެފި އެވެ.

ޝައުކަތުގެ ނިޔާވި ހާދިސާގެ ތަހުގީގީ ރިޕޯޓް އާއްމު ކުރެއްވުމަށް މިއަދު ބަނޑޭރިކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހާދިސާ ތަހުގީގުކުރުމަށް އެކުލަވާލި އެމްއެންޑީއެފްގެ ޓީމްގެ ވެރިއަކަށް ހުންނެވި ކާނަލް ވައިސް ވަހީދު މިއަދު ވިދާޅުވީ، ޝައުކަތާ އަމާޒުކޮށް ލެފްޓިނެންޓް މުއާޒް ފިސްތޯލަ ޖެހި އިރު ފިސްތޯލައިގައިވާ މެގަޒިންގައި ވަޒަނެއް އިންކަން މުއާޒަށް ނޭނގުނީ އެކަން ރަނގަޅަށް ބަލާފައި ނުވާތީ ކަމަށެވެ.

ލެފްޓިނެންޓް މުއާޒް މިވަގުތު ހުރީ ކޯހުން ވަކިކޮށް، ހަތިޔާރު ގެންގުޅެން ނުޖެހޭ ލުއި ޑިއުޓީއެއްގައި ބަހައްޓާފައި ކަމަށާއި އޭނާއާ މެދު އިތުރު ފިޔަވަޅެއް އަޅާފައި ނުވަނީ ކޯޓުން މައްސަލަ ނުނިމޭތީ ކަމަށް ވެސް ކާނަލް ވައިސް ވަހީދު ވިދާޅުވި އެވެ.

އަދި އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ ޓީމާ އެކު ފުލުހުންގެ ޓީމުން ވެސް އެ މައްސަލަ ތަހުގީގު ކުރި ކަމަށެވެ.
މިއަދު އާއްމު ކުރި ރިޕޯޓްގައިވާ ގޮތުން ޝައުކަތު ނިޔާވި ހާދިސާ ހިނގާފައި ވަނީ ޓްރޭނިންގް ރޭންޖު ދޫކޮށް ރެސްޓިން އޭރިއާ އަށް އައުމަށް ފަހު ސިފައިންގެ ވަކި ގްރޫޕަކުން އަމިއްލަ އަށް އިސްނަގައިގެން ހިންގި ފަރިތަކުރުންތަކެއްގެ ތެރޭގައި ކަމަށެވެ.

ރިޕޯޓްގައި ވަނީ ލެފްޓިނެންޓް މުއާޒްގެ އަތަށް މެގަޒިން ލިބިފައި ވަނީ ފަޔަރިން ރޭންޖްގައި ފިސްތޯލަ ޖެހުމަށް ފަހު ސިފައިންގެ އެހެން އޮފިސަރެއްގެ އަތުން ކަމަށެވެ. މެގަޒީނާ ހަވާލުވާ އިރު، އެއޭގައި ވަޒަން ހުރިތޯ ނުވަތަ ނޫންތޯ ޗެކުކުރަން ޖެހޭ ކަމަށާއި ނަމަވެސް މުއާޒު އެކަންކޮށްފައި ނުވާ ކަމަށް ތަހުގީގު ޓީމުން ބުންޏެވެ.

ޝައުކަތު ނިޔާވި ހާދިސާއާ ގުޅިގެން މިއަދު އާއްމު ކުރި ރިޕޯޓްގައި ކައްދޫ ޓްރޭނިން ސެންޓަރުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެތަނުގައި ޑޮކްޓަރަކު ނެތުމާއި އެކަށީގެންވާ ވަރަށް އިންސްޓްރަކްޓަރުން ނެތުމާއި އެމްބިއުލާންސެއް ނެތުން ހިމެނެ އެވެ. އަދި ތަމްރީނަށް ބޭނުންވާ ވަރަށް މެގަޒިން ފަދަ ތަކެތި ނެތުމުން އެތަކެތި ހިއްސާކުރަން ޖެހުމަކީ ވެސް ފާހަގަކުރެވިފައިވާ މައްސަލައެކެވެ.

ސިފައިންގެ ޓްރޭނިން ސައިޓްތަކުގައި ހުރި މައްސަލަތައް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޑިފެންސް މިނސްޓްރީން މިހާރު ވަނީ ކޮމެޓީއެއް އެކުލަވާލާފަ އެވެ.