25 Jun 2019, 13:24
މިއަހަރުގެ ފުރަތަމަ ތިންމަހުގެތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން 157 މައްސަލަ ބެލިއިރު ކޮރަޕްޝަން އޮތް ކަމަށް ފެނުނީ އެންމެ މައްސަލައެއްގައި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީ އިން ބުނީ މީގެ ތެރޭގައި ހިމެނެނީ އެކޮމިޝަނަށް ހުށަހެޅުނު 268 މައްސަލަ އާއި ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި 19 މައްސަލައެއް ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.50 ޕަސެންޓު އިތުރު އަދަދެކެވެ. އޭގެ ތެރޭގައި އެންމެ ގިނައި ޕްރޮކިޔުމެންޓާ ގުޅުންހުރި މައްސަލަތައް ކަމަށް އޭސީސީ އިން ބުންޏެވެ.
އެ މައްސަލަތައް ދިރާސާ ކުރުމަށްފަހު 253 މައްސަލައެއް ތަހުގީގު ކުރަން އޭސީސީ އިން ވަނީ ނިންމައިފައެވެ. 2018 ވަނަ އަހަރު އެ މުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 248 މައްސަލައެވެ.
މި މައްސަލަތަކުގެ ތެރެއިން 157 މައްސަލައެއް ބަލާ ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.
މި 157 މައްސަލައިގެ ތެރެއިން 156 މައްސަލަ އަކީ ކޮރަޕްޝަން އެކުލެވޭ މައްސަލަތައް ނޫން ކަމަށްވެސް އޭސީސީ އިން ވަނީ ނިންމައިފަ އެވެ.
އޭސީސީ އަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓުގައި ނުހިމެނޭ މައްސަލަތައް އެކަމަކާ ގުޅުން އޮންނަ އިދާރާތަކަށް ފޮނުވާފައިވާ ކަމަށާއި މިއަހަރުގެ އެ މުއްދަތުގައި އެފަދަ ދެ މައްސަލައެއް އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.