ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިންއާ ގުޅިގެން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ސިންގަޕޫރަށް ފޮނުވި ވޯލްޑް ބޭންކްގެ ބޭފުޅަކު އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެއްވެސް ކަމެއް ގޯސްކޮށް ނުހިނގާ ކަމަށް ވިދާޅުވެފައިވާ ކަމަށް އެސްޓީއޯ ސިންގަޕޫރު ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުނީޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ސަލާމަތުގެ ކޮމެޓީން ތަހުގީގު ކުރަމުންދާ މައްސަލައިގައި ދެވަނަ ފަހަރަށް ކޮމެޓީއަށް ހާޒިރު ކުރި މުނީޒު ވިދާޅުވީ ރާއްޖޭން ބޭރުގައި ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ލިޔެކިޔުންތައް ބައްލަވައި ދިރާސާ ކުރުމުގައި ވޯލްޑް ބޭންކްގެ ބޭފުޅަކު ސިންގަޕޫރުގައި އެއް މަސް ދުވަހު ހޭދަކުރެއްވެވި ކަމަށެވެ. އޭނާގެ ތަހުގީގުތަކުން ތެލުގެ ވިޔަފާރީގައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައި ނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މުނީޒު ވިދާޅުވީ ތުހުމަތު ކުރާ ވިޔަފާރީގައި ބަރުމާއާއެކު ކޮށްފައި ވަނީ 195 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރި ކަމަށާއި ތެލުގެ ވިޔަފާރީގައި މޯކަން ކުންފުނިން ކޮށްފައި ވަނީ 300 މިލިއަން ޑޮލަރުގެ ވިޔަފާރި ކަމަށެވެ. ބަރުމާއާއެކު ކޮށްފައިވާ ތެލުގެ ވިޔަފާރިއަކީ އެއްވެސް ފައިދާއެއް ވެފައިވާ ވިޔަފާރިއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. މުނީޒު ވިދާޅުވި ގޮތުގައި 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނެވެ.

މޯކަލް ކުންފުނި އުފެއްދި އަހަރުން ފެށިގެން ކުންފުނި އުވާލުމަށް މިސްރާބު ޖެހި ކަމަށް ވެސް މުނީޒް ވިދާޅުވި އެވެ. އެކަމަކު ކުންފުނި އުވާލަން ނިންމި ސަބައެއް އޭނާ ވިދާޅެއް ނުވެ އެވެ. ވިދާޅުވީ ސިންގަޕޫރުގައި ކުންފުންޏެއް އުވޭނީ ހަ މަސް ދުވަހުން ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކުންފުނި އުވާލާފައިވާ ކަމަށެވެ. އެހެން ކަމުން ކުންފުނި އުފެދުނު ފަހުން ފެށިގެން އުވާލުމާ ހަމައަށް ވެސް ކުންނީގެ އެއްވެސް ބޯޑް ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ދެ ވަނަ ފަހަރަށް މުނީޒު ކޮމެޓީއަށް ހާޒިރު ކުރީ ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެކަންތަކާ އިތުރަށް ސުވާލު ކުރުމަށެވެ. ކޮމެޓީގައި އޭނާ ވިދާޅުވީ މޯކަން ކުންފުނީގެ ހުރިހާ ފައިލްތަކެއް ސިންގަޕޫރުގައި ހިންގާ މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީގެ ޗެއާމަން އަދި ކުރީގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު ގެންގޮސްފައިވާ ކަމަށެވެ.

އިއްޔެ ކޮމެޓީއަށް ހާޒިރު ކުރީ އެސްޓިއޯގެ ކުރިގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މަނިކުއާއި އެސްޓީއޯ ބޯޑުގެ ކުރީގެ ޗެއާމަން ހުސައިން ޝަރީފާއި، އެސްޓީއޯ ބޯޑުގެ ކުރީގެ މެމްބަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އިބްރާހިމް ޝިޔާމާއި މޯކަމް ކުންފުނީގެ ދެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި އެސްޓީއޯގެ އެކައުންޓްސް އެގްޒެކެޓިވް ސަނާ މަންސޫރާއި އެޗް އާރް، ހެޑް ފާތުމަތު އާޝާން އެވެ.