ރޭ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބުނެފި އެވެ.

ރޭ މާފުށީ ޖަލުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ. އަދި އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެކްއަޕް ޓީމެއް ވެސް އެ ޖަލަށް ދިޔަ އެވެ.

މިއަދު ކަރެކްޝަންސް އިން ބުނީ، ރޭގެ ހަމަނުޖެހުންތަކަކީ، ގައިދީން ރޭގަނޑު ގޮޅިތަކަށް ވަންނަން ޖެހޭ ގަޑިތަކުގައި ގޮޅިތަކަށް ނުވަނުމުން ހިނގި ހަމަނުޖެހުންތަކެވެ. އަދި ގައިދީން، ޖަލު އޮފިސަރުންނަށް ގޯނާކޮށް، އަމުރަށް ނުކިޔަމަންތެރިވެ، ޖަލުގެ ގަވައިދުތަކަށް ބޯލަނބަން ދެކޮޅު ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ނަސޭހަތްތެރިވެ އިންޒާރު ވެސް ދިން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އެކަމަކު ވެސް ގައިދީން ކިޔަމަންތެރި ނުވުމުން، މުޅި ޖަލުގެ މަސްލަހަތު ގެއްލިދާނެތީ ބާރުގެ ބޭނުންކޮށްގެން ނުކިޔަމަންތެރިވި ގައިދީން ތިބެން ޖެހޭ ގޮޅިތަކަށް ވައްދަން އޮޕަރޭޝަނެއް ހިންގި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ގިނަ ގައިދީން އޮޕަރޭޝަން ހިންގުމުން ގޮޅިތަކަށް ވަން ކަމަށާއި އެވަރުން ވެސް ވަންނަން ދެކޮޅު ހެދި ގައިދީން ގޮޅިތަކަށް ވެއްދުމަށް، ޕެޕާ ސްޕްރޭ ބޭނުން ކުރި ކަމަށް ވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ކަރެންޝަންސް އިން ބުނީ އެ މުޅި އޮޕަރޭޝަނުގެ ވީޑިއޯ ނަގާފައިވާނެ ކަމަށެވެ.

ފަހަކަށް އައިސް މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާ ކުރި ހާދިސާތަކެއް ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވަނީ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.