25 Jun 2019, 12:15
ދައުލަތުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ޕްރޮސެކިއުޓަ ޖެނެރަލްގެ ވަކީލުންނާއި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންނަށް ފިޔަވަޅު އެޅޭ ގޮތަށް ބާ ކައުންސިލް އުފައްދާ ގާނޫނީ ފަންނުގެ ބިލަށް ބަދަލު ގެނެސް ކޮމިޓީން ފާސްކޮށްފި އެވެ.
ގާނޫނީ ފަންނުގެ ބިލު ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު އެ ބިލުގައި ބުނެފައިވަނީ ބާ ކައުންސިލުގެ އިހުތިސާސް ޕީޖީ އަދި އޭޖީގެ ވަކީލުންގެ މައްޗަށް ނުހިނގާނެ ކަމަށެވެ.
އެބިލުގައި އެހެން ބަޔާންކޮށްފައި އޮތުމުން އިބްތިދާއީ ބަހުސް މަރުހަލާގައި މެމްބަރުން އެކަން ފާހަގަކުރި އެވެ. ދައުލަތުގެ ވަކީލުންނަށް ފިޔަވަޅު ނޭޅޭ ގޮތަށް އޮތުމަކީ ވަކީލުންގެ އުސޫލުތަކާ ހިލާފަށް އަމަލުކުރަން ދެވޭ ފުރުސަތެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.
އެ ބިލަށް ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެނަ އެވެ. އެގޮތުން ދައުލަތުގެ ވަކީލުންގެ މައްޗަށް ބާ ކައުންސިލުގެ އިހުތިސާސް ނުހިނގާ ގޮތަށް ލިޔެފައި އޮތް މާއްދާ ވަނީ އުނިކޮށްފަ އެވެ. ބަދަލުތަކާ އެކު މިހާރު އޮތްގޮތުން އެހެން ވަކީލުންނެކޭ އެއްގޮތަށް ދައުލަތުގެ ވަކީލުންގެ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެ އެވެ.
ބަދަލުތަކާއެކު ބިލު ފާސްކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ. ބިލު ފާސް ކުރުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވޯޓަށް އަހަން ވަނީ އެޖެންޑާ ކޮށްފަ އެވެ.
ބާ ކައުންސިލު ވުޖޫދުވުމަށްފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައި ވެއެވެ.