ބައެއް އޮފީސްތަކުގެ ހަރަދުތައް އިތުރުވެ، ދައުލަތުގެ މުޅި ބަޖެޓްގެ ޖުމްލަ ހަރަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖުމްލަ އަދަދަށް ވުރެ އިތުރުވެދާނެތީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށް ފިނޭންސް މިނިސްޓްރީން އަނެއްކާ ވެސް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ސޮއިކުރައްވައި އިއްޔެ ނެރުއްވާފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދުތައް އިތުރަށް މައްޗަށް ނުގޮސް ކޮންޓްރޯލްކުރުމަށް ޓަކައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅުމަށް މަޖުބޫރުވެފައިވާ ކަމަށާއި ބައެއް ކަހަލަ ހަރަދުތައް ވަގުތުން ވަގުތަށް ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދަތުރު ފަތުރުކުރުމުގެ ހަރަދާއި މަރާމާތު ކުރުމުގެ ހަރަދާއި ޕީއެސްޕީއައިގައި ނުހިމެނޭ ކެޕިޓަލް ހަރަދުތައް މިނިސްޓްރީ އަށް ނޭނގި ނުކުރުމަށް ފިނޭންސުން ވަނީ އަންގައިފަ އެވެ.

އެ ސާކިއުލާގައި ރާއްޖެ އިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތަކުންދޭ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރުތައް މިވަގުތަށް ހުއްޓާލުމާއި ރާއްޖެ އިން ބޭރަށް ކުރާ ސްޓަޑީ ޓުއާ އާއި ޓްރޭނިން ދަތުރުތައް ވެސް ހުއްޓާލުމަށް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ރާއްޖެ ތެރެއަށް ކަނޑުމަގުންނާއި ވައިގެ މަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ކުރުމުގައި ވެސް އެމިނިސްޓްރީގެ ހުއްދަ ނެތި ދަތުރުނުކުރުމަށް ވަނީ އަންގާފަ އެވެ. އަދި މަރާމާތު ކުރުމުގެ ހަރަދުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ މަރާމާތުގެ ހަރަދު 5،000 ރުފިޔާ އަށް ވުރެ އިތުރުނުވެ، މަރާމާތުތައް ކުރައްވަން ވާނީ އެ މުއައްސަސާއެއްގެ ނުވަތަ އެ މުއައްސަސާ ނިސްބަތްވާ މާލީ ޒިންމާދާރު އިސްވެރިޔާގެ ހުއްދައާ އެކުގައި ކަމަށް ވެސް އެސާކިއުލާގައިވެ އެވެ. އަދި މާލީ ޒިންމާދާރު އިސްވެރިއަކު ނެތް މިނިވަން މުއައްސަސާތަކުން އެ ހުއްދަދޭނީ އެ މުއްސަސާއެއްގެ އެންމެ އިސްވެރިޔާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުން ފެށިގެން ހަފްތާއަކު އެއްފަހަރު އާއްމުކުރަމުން އަންނަ ދައުލަތުގެ ހަރަދާއި އާމްދަނީއާ ބެހޭ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ޖެނުއަރީން ފެށިގެން މިމަހުގެ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 8.6 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާ އިރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 9.0 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.