25 Jun 2019, 10:53
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކަށް ވެވޭނީ އުމުރުން 40 އަހަރު ވުމުން ކަމަަށް ހަދައި އަދި ވަކީލަކު ޖޭއެސްސީ މެމްބަރަކަށް ވެއްޖެ ނަމަ ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް އެ ކޮމިޝަގެ ގާނޫނަށް ބޮޑެތި އިސްލާހު ތަކެއް ހުށަހަޅައިފި އެވެ.
ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެވެ. އެ އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނެފައިވާ ޖޭއެސްސީ މެމްބަރަގެއް ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ބަދަލުތަކެއް ގެންނަން ވަނީ ހުށަހަޅާފަ އެވެ. މީހާރު ގާނޫނުގައި ބުނެފައިވަނީ ޖޭއެސްސީގެ މެމްބަރަކަށް ވެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ކަމަށެވެ. އެކަމަކު މިހާރު އެ އުމުރު 40 ހަށް ބަދަލު ކުރަން ވަނީ ހުށަހަޅާފަ އެވެ.
" މި ޤާނޫނުގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން އިންތިޚާބުކުރެވޭ ޤާނޫނީ ވަކީލު، ކޮމިޝަނުގެ މެންބަރުކަމުގައި ދެމިހުރިހާ ހިނދަކު، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކޮށްގެން ނުވާނެއެވެ. އަދި މި ޤާނޫނުގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރުގެ ދަށުން ކަނޑައެޅޭ މެންބަރަކީ، ޤާނޫނީ ވަކީލެއް ކަމުގައިވާނަމަ، އެފަރާތެއް، ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ދެމިހުރިހާ ހިނދަކު، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކޮށްގެން ނުވާނެއެވެ." ޖޭއެސްސީ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެ އެވެ.
މީގެކުރިން ބައެއް ވަކީލުން ވަނީ ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިބެ ކޯޓުތަކުގައި ވަކާލާތުކޮށްފަ އެވެ. އެއީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ.
އޭގެ އިތުރުން ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތަކެއް ވަނީ އިސްލާހުގައި ބަޔާންކޮށްފަ އެވެ. އެގޮތުން ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ކޮމިޝަނަށް ހުށަހަޅައި ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ ޖޭއެސްސީގެ ރައީސް މަގާމުން ވަކިވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.
އަދި ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސް މަގާމުން ވަކި ކުރަން ހުށަހަޅައިފި ނަމަ އެ މައްސަލަައިގެ ކުރިން އެހެން މައްސަލައެއް ކޮމިޝަނުގައި ތާވަލުކޮށްގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.
" ކޮމިޝަނުގެ ރައީސް ނުވަތަ ނައިބުރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރާ ފާސްކުރުމާމެދު އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއްނޭޅޭނެއެވެ." ޖޭއެސްސީ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ.
މިހާރު ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެވެ.