25 Jun 2019, 09:49
އައްޑޫ ސިޓީ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލަށް ގެނައި އެމްއާރުއައި މެޝިން އެ ސިޓީއަށް ގެންގޮސްފިއެވެ.
ދިވެހި ސަރުކާރުން ޗާޓަރު ކުރި ފްލައިޓެއްގައި އެ މެޝިން އައްޑޫ އަށް ގެންގޮސްފައިވަނީ ރޭ ފަތިހުއެވެ. ދުބާއީ އިން ގެނައި މި މެޝިން ހިފައިގެން ރާއްޖެއައީ ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑު އެއް ކާގޯ ފްލައިޓެވެ.

އައްޑޫ އާ ހޮސްޕިޓަލަށް ގެނައި އެމްއާރުއައި މެޝިން ބާލަނީ -- ފޮޓޯ: ޓްވިޓާ
ދެހާސް އެގާރަވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި ސާކު ސަމިޓަށް ހާއްސަކޮށްގެން ހިތަދޫގައި އަޅާފައިވާ ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވަން ނިންމީ ކުރީ ސަރުކާރުންނެވެ.
އެ މަސައްކަތް ނިންމައި، މިއަހަރުގެ އޮގަސްޓުމަހު ހޮސްޕިޓަލުން ހިދުމަތް ދެވޭވަރު ވާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ސަތޭކަ އެނދުގެ އެ ހޮސްޕިޓަލަށް ކިޔާނެ ނަމެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އާންމުންގެ ހިޔާލަށްވެސް ހުޅުވާލައިފައެވެ.