26 Oct 2011, 15:27
މިދިޔަ މާޗް މަހު މާލޭގައި ހިންގި މާރާމާރީއެއްގައި، ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވި އަހުސަން ބަޝީރު (ބަކްސީ) މަރުގެ މައްސަލައިގައި ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވާ ނުރައްކާތެރި ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްސަލައިގެ ޝަރީއަތް މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލްކޮށްފިއެވެ.
http://sun.mv/uploads/l_1208451.jpg
ކްރިމިނަލް ކޯޓުން މިއަދު ބުނީ ޝަހުމުގެ މައްސަލަ މިއަދު ކެންސަލް ކުރީ ދިފާއުގައި ވާހަކަ ދައްކާނެ ވަކީލަކު އޭނާއަށް އައްޔަން ކުރެވިފައި ނުވާތީ އާއި، ޝަހުމާއެކު ދައުވާ ލިބޭ ޝިމާޒު ކޯޓަށް ހާޒިރުކޮށްދީފައި ނުވާތީ ކަމަށެވެ. ޝިމާޒް ހުރީ މާފުށީ ޖަލުގަ އެވެ. އެކަމަކު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ ޝިމާޒު ކޯޓަށް ހާޒިރުކުރެވިފައިނުވަނީ ވިއްސާރަވުމުގެ ސަބަބުން ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. ޝިމާޒު ކޯޓަށް ނުގެނެވުނު ނަމަވެސް މިއަދު 1:00 ޖެހިއިރު ޝަހުމް ހާޒިރު ކުރި އެވެ. އޭނާއާއެކު އާއިލާގެ މީހުން ވެސް ކޯޓަށް ދިޔައެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައި ވަނީ ޖުލައި 24، 2011 ގައެވެ. އެ އަޑުއެހުމުގައި ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތަކަށް އެދުމުން ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ ޝަހުމާއި ޝިމާޒަށް ވެސް 10 ދުވަހުގެ މުއްދަތު ދީފަ އެވެ.
http://sun.mv/uploads/l_1208428.jpg
ޝަހުމަކީ 2009 ވަނަ އަހަރު މައުހަދުގައި އިމާމް ކޯސް ހަދަމުން ދިޔަ ދުވަސްވަރު އޭނާއާއެކު އުޅުނު އއ. ތޮއްޑޫ، ކާނޭޝަންމާގޭ، އަހުމަދު ނައީމަށް ހެންވޭރު ކޮޅު ހޮޓަލެއްގައި ލަކުޑި ބުރިއަކުން ހަމަލާދީ މާރާމާރީ ހިންގާފައި ވާތީ އެއް އަހަރު ދުވަހަށް ޖަލަށްލުމަށް މިއަހަރުގެ ޖޫން 23 ވަނަ ދުވަހު ހުކުމެއް ކޮށްފައިވާ މީހެކެވެ.
http://sun.mv/uploads/l_1208442.jpg
މީގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި މަހު ސޯޝަލް ސެންޓަރު ކައިރީގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސެއިނަށް ހަމަލާދީ މަރާލި މައްސަލައިގައި ވެސް ޝަހުމުގެ މައްޗަށް ވަނީ ތުހުމަތު ކޮށްފަ އެވެ.