ރާއްޖޭގެ މާލީ ޙާލަތު އަންގައިދޭ އަސާސީ މިންގަނޑުތައް މިހާރު ހުރީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތަށް ނޫންކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފުން މިގޮތަށް ބުނެފައި ވަނީ މިވަގުތު ރާއްޖެ އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ ވަފުދުގެ ބޭފުޅުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ބައްދަލުކުރައްވައި ބޭއްވި މަޝްވަރާތަކެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ އައިއެމްއެފްގެ ވަފްދާ އެކު މާލިއްޔަތު ކޮމިޓީން ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި މިވަގުތު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރާއްޖޭގެ އިޤްތިޞާދާ ގުޅޭ ބިލްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ބެހޭ މަޢުލޫމާތު ވަނީ އޮޅުންފިލުވައިފަ އެވެ. އަދި ރާއްޖޭގެ ފިސްކަލް ޕޮލިސީ އާއި ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ކުޑަ ކުރުމާ ގުޅޭ ގޮތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރެއްވި ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ އައިއެމްއެފްގެ ވަފުދު ރާއްޖެ އަށް ޒިޔާރަތް ކުރައްވާފައި ވަނީ އައިއެމްއެފްގެ އެކްސްޓެންޑެޑް ކްރެޑިޓް ފެސިލިޓީގެ ދަށުން އާ ޕްރޮގްރާމަކަށް ދިއުމާ މެދު ކުރެވޭ މަޝްވަރާތަކަށް ކަމަށެވެ.