24 Jun 2019, 19:54
ތިން ގާނޫނަކަށް އިސްލާހުގެ ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު އިބްތިދާއީ ބަހުސް ކުރި ތިން ބިލް ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
ކޮމިޓީއަށް ފޮނުވި ތިން ބިލަކީ،ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލާއިގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު އަދިއިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލެވެ.
މި ތިން ބިލަށް ވެސް ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަކުން ވަނީ ފާސްކޮށްފައެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ކެނދިކުޅޫދޫ ދާއިރާ މެމްބަރު އަހްމަދު އީސާ އެވެ. މެމްބަރު އީސާ ހުށަހެޅުއްވި އިސްލާހަކީ، ޕެންޝަނާ ބެހޭ ގާނޫނުގެ 31 މާއްދާއަށް އިސްލާހުކޮށް، ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑު ކުރުމަށެވެ. މިހާރު އެ ގާނޫނުގެ ދަށުން ފަނޑުން ފައިސާ ނެގެނީ 50 ޕަސަންޓަށެވެ. އެ ބިލް އިތުރަށް ދިރާސާ ކުރެއްވުމަށް ފޮނުއްވީ، އިޖުތިމާއީ ކޮމިޓީއަށެވެ.
ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ، މަޑަވެލި ދާއިރާ މެމްބަރު ހުސައިން ފިރުޝަންއެވެ. މިއަދުގެ އިބްތިދާއީ ބަހުސްގައި އޭނާ ވިދާޅުވީ، ބިލް ހުށަހެޅުވުމުގެ ބޭނުމަކީ އެ ގާނޫނުގައި މިހާރު ހުރި ބައެއް މާއްދާތައް ފުށުއަރާތީ އެ ފުށުއެރުންތައް ނައްތާލުމަށެވެ. އަދި އެ ގާނޫނު ތަންފީޒުކުރުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ. އެގޮތުން އޭނާ ވަނީ، މިހާރު އެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރު ނަގައި ބައެއް ބާރުތައް ޔުނިވާސިޓީގެ ކައުންސިލަށް ދިނުމަށް އިސްލާހުތަކުގައި ހިމަނާފައެވެ.
އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ، އުނގޫފާރު ދާއިރާ މެމްބަރު މުހައްމަދު ވަހީދެވެ. އޭނާ ވިދާޅުވީ، އެބިލް ހުށަހެޅުއްވުމުގެ މަގުސަދަކީ، މިހާރު ގާނޫނު އޮތް ގޮތުން އިސްލާމީ ޔުނިވަސިޓީއަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށާއި ގައުމީ ޔުނިވަސިޓީ އާއި އިސްލާމީ ޔުނިވަސިޓީގެ ހިންގުން ވީހާ ވެސް އެއްގޮތް ކުރަން ކަމަށް އިސްލާހުގައިވަނީ ބުނެފައެވެ.
ދެ ޔުނިވާސިޓީގެ ބިލުތައް ވެސް ފޮނުވީ ގައުމީ ތަރައްގީ އަދި ތަރިކައާ ބެހޭ ކޮމެޓީއަށެވެ.
ތިން ބިލް ކޮމިޓީއަށް ފޮނުވުމުގެ އިތުރުން މިއަދު ވަނީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހުށަހެޅި ރިޕޯޓުވެސް ފާސްކޮށްފައެވެ. އަދި އެ ރިޕޯޓަށް ތޫޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ހުށަހެޅުއްވުން ވަނީ ފާސްކޮށްފައެވެ. ހިސާން ހުށަހެޅުއްވި ހުށަހެޅުއްވުމަކީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލަ ބެލުމުގައި ފުލުހުން އިހުމާލެއް ވާނަމަ އެކަން މަޖިލީހުން ބެލުމަށެވެ.
މަޖިލީހުގެ ގަވައިދު އިސްލާހު ކުރަން ހެދި ވަގުތީ ކޮމިޓީގެ މަސައްކަތް ނިންމަން އިތުރު 25 ދުވަސް ދިނުމަށް ވެސް މަޖިލީހުގެ ޖަލްސާގައި މިއަދު ފާސްކުރި އެވެ. މީގެ ކުރިން އެ ކޮމިޓީއަށް ގަވައިދު އިސްލާޙު ކުރުމަށް ދިން މުއްދަތަކީ 30 ދުވަހެވެ.
ވޯޓީން ސިސްޓަމަށް މިއަދު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބައެއް ކަންކަމަށް މިއަދު މަޖިލީހުގައި ވޯޯޓަށް އަހާފައިވަނީ ކޮންމެ މެމްބަރަކަށް ވަކިވަކިން އަހާ ގޮތަށް ރޯލް ކޯލް ވޯޓަކުންނެވެ.