މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި ފުލުހުން ހައްޔަރުކުރި 18 ޒުވާނެއްގެ ނުރުހުމުގައި އެމީހުންގެ ބޯކޮށައިލުމަށް އަންގާފައި ނުވާނެ ކަމަށް ކުރީގެ ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސް ބަޔާނެއް މެދުވެރިކޮށް ރިޝްވާނު ވިދާޅުވީ މިދިޔަ އަހަރު މާލެ ތޭރެގައި ހަމަނުޖެހުން ބޮޑުވެ ހަލަބޮލިވެގެންދިޔަ ދުވަސްވަރު ފުލުހުން ހައްޔަރުގައި ތިބި ބައެއްގެ ބޯ ކޮށައިލީ އެއްވެސް ހާލެއްގައި އޭނާ އަންގަވައިގެން ނޫންކަމަށެވެ.

ރިޝްވާނު ވިދާޅުވެފައި ވަނީ ބޯކޮށާއިލި ހާދިސާ ހިނގިއިރު ޑިޕިއުޓީ ކޮމިޝަނަރުގެ އިތުރުން އޭނާއަކީ އޮޕަރޭޝަނަލް ކޮމާންޑުގެ ވެރިޔާ ކަމަށާއި މައްސަލައިގައި ކަން ހިގާފައިވާ ގޮތުގެ ތަހުގީގުގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހާޒިރުވެ ޖަވާބުދާރީވެފައިވާނެ ކަމަށެވެ. އަދި ބައެއްގެ ބޯކޮށާލިކަން އެނގުމާއިއެކު ފުލުހުންގެ މުއައްސަސާއިން ޖަވާބުދާރީ ވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ހުރިހައި ޒިންމާއެއް ނަގާފައިވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ސިފައިންގެއާއި ފުލުހުންގެ ހިދުމަތުގައި 18 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ޝަރަފްވެރިކަމާއެކު ވަޒީފާއިން އަމިއްލައަށް ވަކިވެވަޑައިގެންނެވި ރިޝްވާނު ވިދާޅުވީ އެއްވެސް އިރެއްގައި ޖިނާއީ ކުށެއްކޮށް ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއްކޮށްފައި ނުވާނެ ކަމަށާއި އޭނާގެ ނަމާއި އަބުރު ރައްކާތެރިކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަށްވާނެވެ.

ރިޝްވާނު އަމިއްލަ ދިފާއުގައި ބަޔާނެއް ނެރުއްވެވިއިރު ބައެއްގެ ބޯކޮށާލުމަކީ ރިޝްވާން ކުރެއްވި ޖިނާއީ ކުށެއް ކަމަށް ބުނެ އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ބޯކޮށާލި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުނަނީ ރިޝްވާން އަމަލުކުރައްވާފައި ވަނީ ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ބުނަނީ ބޯކޮށުމުގައި ހަރަކާތްތެރިވި ބައެއް ފުލުހުން ބޯކޮށުމަށް އިންކާރުކުރި ކަމަށާއި ނަމަވެސް އެއީ ރިޝްވާން އަންގަވައިގެން ކުރާ ކަމެއް ކަމަށާއި އެކަން ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އަންގާފައިވާ ކަމަށެވެ.